އާސެނަލްގެ ފޯވަޑް ގެބްރިއަލް ޖީސަސްގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސީޒަންގެ ފެށުން ގެއްލޭނެ ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

އާސެނަލްގެ ބްރެޒިލްގެ ފޯވަޑް، ޖީސަސް، 26 ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ މައިނާ ސާޖަރީއެއް ފުރިހަމަ ކޮށްފައެވެ. ޖީސަސްއަށް އަނިޔާވީ އާސެނަލުން ޕްރި ސީޒަނުގައި މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު އާޓެޓާ ބުނީ ދެތިން ހަފުތާއަކަށް ޖީސަސް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށާއި، އެއީ ޓީމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ.

"ޖީސަސްގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޑަ ސާޖަރީއެއް ފުރިހަމަ ކުރި. އެހެންވެ ދެތިން ހަފުތާއެއްގެ ކުޅުން ގެއްލޭނެ. އެއީ އުނދަގޫ ހާލަތެއް ޓީމަށް. މުހިއްމު ދަނޑިވަޅެއްގައި މުހިއްމު ކުޅުންތެރިއެއް ގެއްލިގެން ދިޔައީ. އަދި ޖީސަސް ހުރީ ރަނގަޅަށް ފިޓްވެ، އޭނާގެ އެންމެ ވަރުގަދަ ފޯމަށް އަލުން އައިސްފައި،" އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ ޖީސަސްގެ ކަކުލަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއްވުމާއެކު މެޑިކަލް ޓީމުގެ ލަފާ ހޯދި ކަމަށާއި، މިވަގުތަށް މަޖުބޫރު ސާޖަރީއެއް ނޫން ނަމަވެސް، ސާޖަރީއާއެކު ކުރިއަށްދާން މެޑިކަލް ޓީމުން ނިންމީ ކުޅުންތެރިޔާ އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި ވީހާވެސް އަވަހަށް ގޮތް ނިންމާ، ސާޖަރީއަށް ދާން ނިންމީވެސް ސީޒަނުގެ ކުރިން އަވަހަށް ރަނގަޅު ކުރުމަށް ކަމަށްވެސް އާޓެޓާ ބުންޏެވެ.

ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އާސެނަލުން ނުކުންނަން ޖެހޭނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ. އޭގެ ކުރިން ކޮމިއުނިޓީޝީލްޑް މެޗުގައި އާސެނަލުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނާނެއެވެ.