މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ފަތިހު މަޖީދީމަގު ރެޑްވޭވްއާ ހިސާބުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް ގައިގައި ސައިކަލުން ޖެއްސި ކަމަށް ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ހަފީޒަށް ސީރިއަސް އަނިޔާތަކެއް ލިބި، އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގައެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އިންޑިއާގެ ކޮޗިންއަށް އޭނާ ފުރުވާލާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.
އެކްސިޑެންޓުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އިނގުރައިދޫ، ލެގޫން ވިއު، ޝަމްއާން އަބްދުއްޝުކޫރު (22އ)އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ ތިންވަނަ ދުވަހުއެވެ. ފުލުހުން ޝަމްއާންގެ މައްޗަށް ކުރަނީ އެކްސިޑެންޓުގެ ތުހުމަތެވެ. އޭނާގެ ބަންދާ މެދު ފުރަތަމަ ފަހަރު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
އެ މުއްދަތު ހަމަވާތީ ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެފަހަރު އޭނާގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ. ދެވަނަ ފަހަރަށް ޖެހި ބަންދުގެ މުއްދަތު ހަމަވާތީ ފުލުހުން މިއަދު ވަނީ އަލުން އޭނާ ކޯޓަށް ހާޒިރުކޮށްފައެވެ.
އޭނާ ކޯޓަށް ހާޒިރުކޮށް ފުލުހުން ވަނީ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް އެދިފައެވެ. ފުލުހުން އެދުނު ގޮތަށް ކޯޓުން ވަނީ ޝަމްއާން ބަންދުން ދޫކޮށްލައިފައެވެ. އެއީ ފުލުހުންގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ޝަމްއާން އެއްބަސްވުމުންނެވެ.
ފުލުހުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުރަތަމަ ފަހަރު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ދިފާއީ ވަކީލު ވިދާޅުވެފައިވަނީ ހަފީޒަށް އަނިޔާވި ކަމަށް ޝަމްއާން އިންކާރު ނުކުރާ ކަމަށާއި ހަފީޒަށް އަނިޔާވީ ކަފި ހުރަސްމަތިން ހުރަސްކުރަނިކޮށް ނޫން ކަމަށެވެ.
"ތުހުމަތުކުރެވޭ ފަރާތުން ސައިކަލުގައި ދަނިކޮށް، އަނިޔާ ލިބުނު ފަރާތް މަގު ހުރަސްކުރުމުން، ސައިކަލް އަންނަ ތަން ފެނިގެން ޕެނިކްވެގެން ސައިކަލާ ދިމާލަށް ދުއްވައިގަނެވުމުން، ސައިކަލުގައި އަނިޔާ ލިބުނު ފަރާތް ގޮސް ލައިގަނެގެން އެކްސިޑެންޓުވީ،" ވަކީލު ވިދާޅުވެފައިވެއެވެ.
އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވެފައިވަނީ ޝަމްއާން އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށާއި އޭނާ ސައިކަލް ދުއްވާފައިވަނީ ބާރު ސްޕީޑުގައި ކަމަށެވެ. އަދި ބާރު ސްޕީޑުގައި ސައިކަލް ދުއްވިކަމަށް ޝަމްއާން އިއުތިރާފުވެފައިވާ ކަމަށް އޮފިސަރު ވިދާޅުވެފައިވެއެވެ. ކަފާލާތުގެ ދަށުން ދޫކޮށްލައިދިނުމަށް ޝަމްއާންގެ ފަރާތުން އެދިފައިވީ ނަމަވެސް، އިންވެސްޓިގޭޝަން އޮފިސަރު އެދުނީ ޝަމްއާންގެ ބަންދު އިތުރުކޮށް ދިނުމަށެވެ. ޝަމްއާނަކީ ބަންދު ލޮގް އަދި މީގެ ކުރިން އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.
ބަންދުކުރަން ކުރި އަމުރުގައި ބުނެފައިވަނީ ޝަމްއާން ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށްވެފައި، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށެވެ. އަދި ދެ ފަރާތުން ދެއްކި ވާހަކައަށް ބަލާއިރު ޝަމްއޫންގެ މައްޗަށް ކުރާ ތުހުމަތު ވުޖޫދުވުމުގެ ފުރުސަތު އޮތުމުން ކަމަށް އެ ފަހަރު ކޯޓުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު