ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތަކެއް މަކަރާއި ހީލަތުން ވިއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ޕްރޮޖެކްޓް ކުރިއަށް ގެންދާ ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ ޕާސްޕޯޓް ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު ގާނޫނާ ހިލާފް ކަމަށް ނިންމައި އެ އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ޑޮކިއުމެންޓެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން އެޕާޓްމަންޓްތަކެއް އާއްމު ފަރާތްތަކަށް ވިއްކަމުންދާ މައްސަލައިގައި، އެ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، މެއި މަހުގެ ހަތަރަކުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މަންދޫހު ރާއްޖޭން ފުރައިގެން ދިއުން މަނާ ކަމަށް އޭނާއަށް އަންގައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް އިމިގްރޭޝަންގެ މައްޗަށް ކުރިމިނަލް ކޯޓުން އަމުރު ކުރިއެވެ.
ނަމަވެސް އެ އަމުރު މުރާޖައާކޮށްދިނުމަށް މަމްދޫހުގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅުމުން ވަގުތީ ގޮތުން އޭނާގެ ޕާސްޕޯޓް ދޫ ކުރުމަށް މިދިޔަ މަހު ކުރިމިނަލް ކޯޓުން އަމުރު ކުރިއެވެ.
މި މައްސަލައަކީ ކުރިމިނަލް ކޯޓުގެ އެ އަމުރާ މެދު ހިތްހަމަ ނުޖެހިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި އިސްތިއުނާފީ ދެ ނުކުތާއެއް ޕީޖީގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ކުރިމިނަލް ކޯޓުގެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ބ) އާ ހިލާފަށް ކޮށްފައިވާ އަމުރެއް ކަމަށާއި މި މައްސަލަ ނިންމުމަށްޓަކައި ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ވާހަކަ ދެއްކުމަށް ފުސަރު ދީފައިނުވާތީ އެއީ ގާނޫނާ އަސާސީ އާއި މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އެހެންކަމުން މަންޑޭގެ ޕާސްޕޯޓް ދޫކުރުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރަކީ ގާނޫނާ ހިލާފް އަމުރެއް ކަމަށް ކަނޑައަޅައިދީ އެ އަމުރު ބާތިލް ކޮށްދިނުމަށް ޕީޖީގެ ފަރާތުން ހައިކޯޓުގައި ވަނީ އެދިފައެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުވެވަޑައިގެން އިއްވެވި ހުކުމުގައި ވަނީ، މަންޑޭގެ ޕާސްޕޯޓް ދޫކުރުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފް ނިންމުމެއް ކަމަށްވާތީ ކުރިމިނަލް ކޯޓުގެ އެ އަމުރު ބާތިލް ކަމަށެވެ.
ޕާސްޕޯޓް ދޫކޮށްދިނުމަށް އެދި މަންޑޭގެ ފަރާތުން ހުށަހަޅާފައިވާ ހާލަތަކީ ހާއްސަ ހާލަތެއްކަމުގައި ބަލައި، ވަގުތީގޮތުން ޕާސްޕޯޓް ދޫކޮލަން ކުރިމިނަލް ކޯޓުން ނިންމާފައިވާ އިރު، ހާއްސަ ހާލަތެއް ކަމަށް ބަޔާން ކުރި ކަންކަމާމެދު، މި މައްސަލައިގެ އަޑުއެމުގައި ބައިވެރިވި ފަރާތަކުން ދެކޭގޮތް ބަލާފައިނުވާ ކަމަށާއި އެކަންކަމާ މެދު ވާހަކަ ދެއްކުމަށް އަޑުއެހުމުގައި ބައިވެރި ފަރާތްތަކަށް އެކަށީގެންވާ ފުރުސަތު ދީފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ ހާއްސަ ހާލަތަކީ އެނޫން ގޮތަކަށް އެކަން ހާސިލް ކުރެވެން ނެތް ކަމެއްތޯ ވަޒަން ނުކޮށް ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ހިފެެއްޓުމަށް ވުރެ މަސްލަހަތު ބޮޑީ ވަގުތީގޮތުން ފުރައިގެން ދިއުމުގެ ހުއްދަދިނުން ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ އެފަދަ ނިންމުމެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭ ކަންކަމަށް ރިއާޔަތް ކުރެވި ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްމިންވަރު ވަޒަން ކުރެވި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ބ) އާ އެއްގޮތަށް ކަމުގައި ނުވާތީ ކުރިމިނަލް ކޯޓު އަމުރު މުރާޖައާކޮށް ނިންމި ނިންމުން ބާތިލް ކުރަން ނިންމީ ކަމަށްވެސް ހައިކޯޓުގެ ނިންމުމުގައިވެއެވެ.
ހައިކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑީޔާރުންނަކީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު