ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރުމަށް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ހިންގަމުން އަންނަ މަޝްރޫއުގެ ދަށުން އިތުރު ދެ ސެގްމެންޓެއްގައި ތާރު އަޅައި ނިންމާލައިފިއެވެ.
އާރްޑީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އަމީނި މަގުގެ ސެގްމެންޓް 8 އަދި 9 ގައި ތާރު އެޅުމުގެ މަސައްކަތް ރޭގެ ވަގުތެއްގައި ފަށައި މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި އެކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން މިހާރު ތާރު އަޅާފައިވާ ބައި އާންމުންނަށް ހުޅުވާލުމަށް ކަމަށްވެސް ބުންޏެވެ.
އަމީނީ މަގުގެ ސެގްމެންޓް 8 އަދި 9 ވާ ސަރަހައްދަކީ ސްކޫލްތައް ފެށުމުން އެ މަގުގެ އެންމެ ބާރުބޮޑުވާ ސަރަހައްދެވެ. އެގޮތުން ބިލަބޮންގް އިންޓަނޭޝަނަލް ހައިސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހިމެނޭ މި ސަރަހައްދަކީ ސްކޫލް ގަޑިތަކާ ދިމާކޮށް ޓްރެފިކް ބާރު ބޮޑުވާ ސަރަހައްދެކެވެ.
އެ ސަރަހައްދުގައި ތާރުއަޅައި ނިންމާލާފައިވާ އިރު، އަމީނީމަގުގެ ސެގްމަންޓް 10،11 ގެ މަސައްކަތްވެސް އާރުޑީސީން އަންނަނީ ކުރަމުންނެވެ. ޕްލޭނިން މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ ގޮތުގައި އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން ތަރައްގީ ކުރާ އަމީނީ މަގުގެ ހަތް ސެގްމަންޓެއްގައި ތާރު އަޅައި މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ.
ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022ގަ އެވެ. އެއީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 84.4 މިލިއަން ރުފިޔާއަށެވެ. އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު