ބޭސްފަރުވާގެ ކަންކަމުގައި ރައްތިޔުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އާސަންދައިން މުޅިން އަލަށް ވެބް ޕޯޓަލްއެއް ތައާރަފްކޮށްފިއެވެ.

އާސަންދަ ކުންފުނިން އިއްޔެ އަލަށް ތައާރަފް ކުރި މި ޕޯޓަލްގެ ނަމަކީ "މައި އާސަންދަ" އެވެ. މި ޕޯޓަލް މެދުވެރިކޮށް ރާއްޖެއިން ބޭރު ގައުމުތަކުން ބެސްފަރުވާ ހޯދަން އެދޭ ބަލި މީހުންނަށް އޮންލައިންކޮށް ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް އެދި ހުށައެޅޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އާސަންދައިން ބުނީ "މައި އާސަންދަ" ޕޯޓަލް މެދުވެރިކޮށް ބޭސްފަރުވާގެ ކަންކަމުގައި ދައުލަތުގެ އެހީތެރިކަމަށް އެދުމުގެ މަގު ފަސޭހަވެގެންދާނެ ކަމަށެވެ. މި ސްކީމްގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ފުރައިދޭ ރެކޮމަންޑޭޝަން ފޯމު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަލައި ގަންނާނީ ހަމައެކަނި "މައި އާސަންދަ" ވެބް ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އާސަންދަ ކުންފުނިން ބުންޏެވެ.

މި ވެބް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ހިދުމަތް ތަކުގެ ތެރޭގައި އާސަންދަ ސްކީމްގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ހުށަހަޅަންޖެހޭ ރެކޮމަންޑޭޝަން ފޯމު، ޑޮކްޓަރުންނަށް ޕޯޓަލް މެދުވެރިކޮށް ފުރައި ދިނުމުގެ ކަންކަން ހިމެނެއެވެ. އަދި އާސަންދައިގެ ސްކީމްގެ އިތުރުން ވެލްފެއާގެ އެހީތެރިކަމަށް އެދި އާސަންދަ ފްރަންޓް އޮފީހަށް ނުވަތަ އެހެން މަރުކަޒެއްގައި ހުރި އާސަންދައިގެ ވިރަ ކައުންޓަރަކަށް ދިއުމުގެ ބަދަލުގައި ބޭސްފަރުވާ ހޯދުމަށް ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް "މައި އާސަންދަ" ވެބް ޕޯޓަލް މެދުވެރިކޮށް އޮންލައިކޮށް ހުށަހެޅޭނެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް ހުށަހެޅުނު އެޕްލިކޭޝަންގެ ސްޓޭޓަސް ކޮންމެ ވަގުތެއްގައިވެސް ބަލައިލެވޭނެއެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅިފައިވާ އެޕްލިކޭޝަން ކުރިއަށް ގެންދިއުމަށް އިތުރު ލިޔެކިޔުން ބޭނުންވާ ނަމަ، މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށް ވެސް އާސަންދަ ކުންފުނިން ބުންޏެވެ.

އަލަށް ތައާރަފް ކުރެވުނު މި ވެބް ޕޯތަލްގެ ސަބަބުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.