ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ދަރިފުޅުގެ ފޮޓޯ ޖަހައި ބިރު ދެއްކި މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ރޭ ބުނީ އީވާގެ ދަރިފުޅުގެ ފޮޓޯ ޓުވިޓާގައި ބޭނުންކޮށްގެން އީވާއަށް ބިރު ދެއްކި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކުރީ ރޭ 10:34 ގައި ކަމަށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

އީވާއާއި އޭނާގެ ދަރިފުޅު އަދި އީވާގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) ގެ ފޮޓޯ ޓުވީޓުކޮށްފައިވަނީ "ހަމައެސޮރު" ކިޔާ ޓުވިޓާ އެކައުންޓަކުންނެވެ. މިދިޔަ މަހުގެ 19 ވަނަ ދުވަހު ޓުވީޓު ކުރި އެ ފޮޓޯގެ ކެޕްޝަންގައި ވައްކަމުގެ ތުހުމަތުކޮށް، ލިބޭ ފައިސާ އިން މުޅި އާއިލާ އެއްކޮށް ދުނިޔެ ބަލަން ދަތުރުތައް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އެ ފޮޓޯ ރީޓުވީޓު ކުރައްވައި މިދިޔަ މަހުގެ 20 ވަނަ ދުވަހު އީވާ ވިދާޅުވެފައިވަނީ ސިޔާސީގޮތުން އޭނާއާ ދިމާއަށް މީހުން ކިޔާ އެއްޗެއްސަށް ރައްދުނުދެއްވާ ކަމަށެވެ.

ނަމަވެސް އެ ފޭކު އެކައުންޓުން ދަނީ އޭނާގެ 18 އަހަރުނުވާ ދަރިފުޅުގެ ފޮޓޯ ބޭނުންކުރަމުން ކަމަށާއި އެކަން ސީރިއަސްކޮށް ބަލައި، އޭނާއާއި އޭނާގެ ދަރިފުޅުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހަށް ގޮވާލާ ކަމަށް އީވާ ވިދާޅުވެފައިވެއެވެ.