އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ، އެމަނިކުފާނުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ޕީޕީއެމުން ނިންމައިފިއެވެ.
ރައީސް ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމައި، އެމަނިކުފާނުގެ ކެނޑިޑެސީ ގަބޫލު ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމާ ގުޅިގެން، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުގައިވާގޮތުގެ މަތިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނީގޮތުން ގޯސްކޮށް އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގުކޮށްގެން ކަމަށްވެސް ޖަމީލު ވިދާޅުވެފައިވެއެވެ.
ޖަމީލު ވިދާޅުވީ "ހީކުރި ގޮތަށް އިލެކްޝަންސް ކޮމިޝަން ވަނީ ސަރުކާރުގެ ނުފޫޒުގައި ތާށީވެފައި" ކަމަށެވެ. އަދި ވިދާޅުވީ ހައްގަށް ނަސްރު ލިބޭނެ ކަމަށެވެ.
ރައީސް ޔާމީންގެ ކެނޑިޑެސީ މިއަދު ހެނދުނު ދިހައެއްޖަހާކަން ހާއިރު އީސީއަށް ހުށަހެޅުމުން، ގާނޫނީގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު މިއަދު މެންދުރުފަހު އީސީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ރައީސް ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ޕީޕީއެމަށް އެކަން އަންގައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާ އާއި ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ ދަށުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޔާމީން ހުށަހެޅުއްވި ފޯމުގައިވާ މައުލޫމާތާއި ތަކެތި ބެލި އިރު، ގާނޫނު އަސާސީ އާއި އިންތިހާބުތަކާބެހޭ އާއްމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޔާމީން، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވަން ހުށަހެޅުއްވި ހުށަހެޅުން ގަބޫލުކުރެވެން ނެތް ކަމަށެވެ.
ސަބަބެއް ކަމަށް ބުނެފައި ވަނީ، ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާތީ ކަމަށެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ މީހަކު ނަމަ، އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީލޯންޑާ ކުރިކަން ސާބިތުވުމުގެ ސަބަބުން ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ގާނޫނު ބުނާގޮތުން އީސީއަށް ކެނޑިޑެންސީ ފޯމު ހުށަހަޅާތާ، 48 ގަޑިއިރު ހަމަވުމަށްފަހު، ފަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެއީ އީސީއަށް ފޯމު ހުށަހެޅުމުން އިސީން ޖަވާބުދޭން ޖެހޭ މުއްދަތެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވަނީ 48 ގަޑިއިރު ކަމަށްވާތީއެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމަން ސުޕްރީމް ކޯޓަށް ގާނޫނު ލާޒިމް ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު