ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާ ދެކޮޅަށް ދައުވާކުރަން ބޭނުންވާ ލިޔެކިއުންތައް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރު އަބްދުﷲ ނަޝީދާއި ވޮލީ އެކެޑަމީއަށް ދޭން ވީއޭއެމްގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މިއީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އިންތިހާބު ކުރި ވީއޭއެމްގެ ހިންގާ ކޮމިޓީން އެތަން ހިންގަމުން ދިޔައީ ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދާއި އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ އެސޯސިއޭޝަނުން ހިލާފުވެފައިވާ ކަންތައްތައް އިސްލާހުކޮށް، ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދާއި އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ އެއްގޮތަށް، ދެފުށް ފެންނަ ގޮތަށް ކަންކަން ރޭވުމަށް އެ އެސޯސިއޭޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ދައުވާކުރަން ބޭނުންވެގެން ވޮލީ އެކަޑަމީއާއި ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި އެ ދެފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ ވީއޭއެމްގެ މައްޗަށް ދައުވާ ހުށަހަޅަން ބޭނުންވާ ލިޔެކިއުންތައް އެ ދެ ފަރާތާ ހާމަކުރުމަށް އަމުރުކޮށްދިނުމަށެވެ. އެގޮތުން 11 ލިޔެކިޔުމެއް ހާމަކޮށްދިނުމަށް ދެ ފަރާތުން ކޯޓަށް ހުށަހަޅާފައިވެއެވެ.
- 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
- 0221 2022 2023 ވަނަ އަހަރުގެ ބަޖެޓް ރިޕޯޓް
- 2021 ވަނަ އަހރާއި 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް
- 2021 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެސޯސިއޭޝަންގެ ބޭންކް އެކައުންޓް ތަކުގެ ސްޓޭޓްމަންޓްސް
- 2021 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެސޯސިއޭޝަންގެ ބޭންކް އެކައުންޓް ތަކުގެ ސްޓޭޓްމަންޓްސް
- 2021 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ބޭއްވި، ހިންގާ ކޮމިޓީ ބައްދަލުވުންތަކުގެ ޔައުމިއްޔާ
- 2021 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން، އެސޮސިއޭޝަންގެ ހިންގާ ކޮމިޓީން ނިންމާފައިވާ ނިންމުންތަކުގެ ކޮޕީ
- 2021 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެސޯސިއޭޝަނުން ވަދެފައިވާ މާލީ މުއާމަލާތްތަކުގެ ތަފްސީލްތައް
- 2021 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އަމުރުނެރޭ ތާރީހާއި ހަމައަށް ވުޖޫދުވެފައިވާ އެސޯސިއޭޝަންގެ ދަރަނީގެ ތަފްސީލް އަދި އެދަރަނި ވުޖޫދުވި ގޮތުގެ ތަފްސީލާއި އޭގެ އެންމެހާ ލިޔެކިއުންތަކުގެ ކޮޕީ
- 2021 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އަމުރުނެރޭ ތާރީހާއި ހަމައަށް އެސޯސިއޭޝަނަށް ލިބިފައިވާ އެންމެހާ އާމްދަނީ އާއި ހަރަދުގެ ތަފްސީލް
- 2021 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އަމުރުނެރޭ ތާރީހާއި ހަމައަށް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން އަދި ބައިވެރިވެގެން ބާއްވާފައިވާ އެންމެހާ ވޮލީ މުބާރާތްތަކުގެ ތަފްސީލާއި، އެ މުބާރާތްތައް ބޭއްވުމަށް ފައިސާ ހޯދާފައިވާ ގޮތާއި، އެ ފައިސާ އަށް ހަރަދު ކޮށްފައިވާ ގޮތުގެ ތަފްސީލް
- 2021 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އަމުރުނެރޭ ތާރީހާއި ހަމައަށް އޮފީސް ހިންގުމަށާއި، އެ ސޮސިއޭޝަން ހިންގުމަށް ކުރަންޖެހުނު އެންމެހާ ހަރަދަކާއި، އެކަންތައްތަކަށް ހަރަދު ކުރަންޖެހި އެ ހަރަދެއް ނުދެއްކި ވާނަމަ އެ ފައިސާއެއްގެ ތަފްސީލް
އެ ދެ ފަރާތުން އެދިފައިވަނީ އެ ލިޔެކިޔުންތައް ރަސްމީ ފަސް ދުވަހުގެ ތެރޭގައި އެ މީހުންނަށް ފޯރުކޮށްދިނުމަށް އަމުރުކޮށްދިނުމަށެވެ.
މި މައްސަލައިއަށް ޖަވާބުދާރީވަމުން، ވީއޭއެމުން ކޯޓުގައި ބުނެފައިވަނީ އެ ދެ ފަރާތުން އެދިފައިވާ ހެކި ހާމަކުރުމުގެ އަމުރަކީ މަދަނީ އިޖުރާއަތުގެ ދަށުން ނެރެވޭނެ އަމުރެއް ނޫން ކަމަށެވެ. އެކަން ސާބިތުކުރުމަށް ބައެއް ކަންކަންވެސް ވީއޭއެމުން ކޯޓުގައި ފާހަގަކުރިއެވެ.
އޭގެ ތެރޭގައި އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ލިބިދޭ ހައްގެއްކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި އެ ފަރާތުން ހޯދުމަށް އެދިފައިވާ ޖުމުލަ 11 ލިޔުމުގެ ތެރެއިން ބައެއް ލިޔެކިއުންތަކަކީ އެ އެސޯސިއޭޝަންގައި ނެތް ލިޔެކިޔުންތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
- 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
- 0221 2022 2023 ވަނަ އަހަރުގެ ބަޖެޓް ރިޕޯޓް
- 2021 ވަނަ އަހރާއި 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް
މި މައްސަލަ ބެލުމަށްފަހު، މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ސިނާން އަލީ ވިދާޅުވެފައި ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން ލިބިދޭ ހައްގާ ހެދި އަދި އެ ހައްގުގެ ބޭނުން ނުކުރުމަކީ ހެކި ހާމަކުރުމުގެ އަމުރަށް އެދުމުގެ ހައްގު ހަނިކުރެވިދާނެ ކަމަކަށް ނުފެންނަ ކަމަށެވެ. އަދި އެގޮތަށް އެކަން މަނާކުރާ އެއްވެސް ނައްސެއް އެ ދެ ގާނޫނުންކުރެ ގާނޫނެއްގައި ބަޔާންވެ އޮތްތަންވެސް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އެކަމަކީ ދައުވާ ހުށަހެޅުމުގެ ކުރިން ހެކި ހާމަކުރުމަށް އެދި ކޯޓަށް ހުށަހެޅުމަށް ލިބިފައި އޮންނަ ހައްގު ހަނިކޮށް، މަނާ ކުރެވިދާނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ވީއޭއެމްގައި ނެތް ކަމަށް އެ އެސޯސިއޭޝަނުން ބުނާ ލިޔުންތައް ނޫން ދެން އޮތް އަށް ލިޔެކިޔުން މިއަދުން ފެށިގެން ރަސްމީ 15 ދުވަހުގެ ތެރޭގައި ވޮލީބޯލް އެކަޑަމީއާއި ނަޝީދަށް ދޭން ސިވިލް ކޯޓުން އަމުރުކުރިއެވެ.
ހަމަ އެއާއެކު ހެކި ހާމަކުރުމުގެ މި އަމުރުގެ ދަށުން، ހާމަކުރެވޭ ލިޔެކިޔުންތައް ވޮލީ އެކަޑަމީއާއި ނަޝިދު، ކޯޓަށް ހުށަހެޅުމަށް ގަސްތުކުރާ ކަމަށް ބުނާ މައްސަލައިގައާއި އެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލު ކުރުމުގައާއި އަދި އެ ސޯސިއޭޝަންތަކުގެ ބެލެނިވެރިފަރާތް ނުވަތަ ފަރާތްތައް މެދުވެރިކޮށް ވޮލީބޯލް އެކަޑަމީއާއި ނަޝީދުގެ ހައްގު ހިމާޔަތްކުރުމުގައި ބޭނުންކުުރުމުގެ ހުއްދަ އެ އެކަޑަމީއާއި ނަޝިދަށް ދޭ ކަމަށްވެސް ހުކުމުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު