ށ. ނަރުދޫން ޢަލީ ޔާމީން (ވަން އޮންލައިން)

އަމާޒަކީ އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނަށް 135،000 އަށްވުރެ ގިނަ ވޯޓު ހޯދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހު ށ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު މި ރަށަށް ވަޑައިގެން މި ރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، ނަރުދުއަކީ އާބާދީ މަދުވުމުގެ ސަބަބުން ކުރީ ސަރުކާރުތަކުން އަޅައިނުލާ ދޫކޮށްލާފައި އޮތް ރަށެއް ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން މި ރަށުގައި ހިންގީ އެންމެ ދެ މަޝްރޫއު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނެވޭނީ ހުރިހާ ރަށެއް ތަރައްގީކޮށްގެން ކަމަށާއި ކުރިއަށްއޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި އެ ބަދަލު ރާއްޖޭގެ ރަށްތަކުން ފެންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، 2018 ވަނަ އަހަރުގެ އިންތިހާބުގައި އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނަށް ލިބުނީ 135،000 ވޯޓު ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 282،755 މީހުންނަށެވެ. ރައީސް ވިދާޅުވީ، އާންމުކޮށް 90 ޕަސަންޓް މީހުން ވޯޓުލާން ނުކުންނަ ކަމަށެވެ.

"މިއަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ އެއަށްވުރެ ބޮޑު ތާއީދެއް ހޯދުން،" 2018 ވަނަ އަހަރު ލިބުނު ވޯޓުގެ ނަތީޖާއާ އަޅައި ކިޔުއްވައި ރައީސް ވިދާޅުވިއެވެ.

ރައީސް ލަފާކުރެއްވި ގޮތުން 90 ޕަސަންޓް މީހުން ވޯޓުލާން ނުކުންނަ ނަމަ، އެއީ 254،479 މީހުންނެވެ. އެހެންކަމުން ރިޔާސީ އިިންތިހާބު އެއްބުރުން ކާމިޔާބުކުރަން ބޭނުންނަމަ 127،240 ވޯޓަށްވުރެ ގިނަ ވޯޓު ހޯދަން ޖެހޭނެއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރެއްވޭނެއެވެ.