އޮންލައިން ރީރަޖިސްޓްރޭޝަންގެ މުއްދަތު ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އޮންލައިންކޮށް ރީރަޖިސްޓާ ކުރަން ކުރިން ހުޅުވާލި މުއްދަތު މިރޭ 12:00 ޖަހާއިރުގެ ނިޔަލަށް ހަމަވާނެއެވެ. ނަމަވެސް އަދިވެސް ގިނަބަޔަކު ރީރަޖިސްޓްރީ ކޮށްފައެއް ނުވެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި، ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ދީފައިވާ އޮންލައިން ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް އީސީން މިއަދު ނިންމާފައިވާ ކަމަށެވެ. ހާޒިރުވެ ފޯމު ހުށަހަޅައިގެން ރީރަޖިސްޓާވުމުގެ މުއްދަތު ހަމަވަނީ އަންނަ ހޮނިހިރު ދުވަހަށެވެ.

އީސީން ބުނީ އޮންލައިންކޮށް ރީރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް https://form.elections.gov.mv/ މެދުވެރިކޮށް ރީރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

އީސީން، ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހުއެވެ.