ގދ. ތިނަދޫން ދިރިއުޅުމަށްޓަކައި އިތުރު 50 ގޯތި ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ތިނަދޫން އެ 50 ގޯތި ދިނުމަށް ނިންމާފައިވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ގޯތީގެ ގޮތުގައި ކަނޑައަޅާފައިވާ ހުސްބިންތަކުންނެވެ. މިއަހަރުގެ އޭފްރީލް މަހުގެ 25 ވަނަ ދުވަހު ވެސް 150 ގޯތި ދިރިއުޅުމަށްޓަކައި ދޫކުރުމަށް ތިނަދޫ ކައުންސިލުން ވަނީ ނިންމައިފައެވެ. އެހެންކަމުން އެ ރަށުން ދޫކުރުމަށް ނިންމާފައިވަނީ ޖުމުލަ 200 ގޯއްޗެވެ.

ތިނަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ އަދަދު 150 އަށްވުރެ އިތުރުވުމުން އިތުރު 50 ގޯތި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ތިނަދޫ ކައުންސިލް މެންބަރު އަހުމަދު ވަހީދު "ވަން"އަށް މިއަދު ވިދާޅުވީ، އެރަށުން ދިރިއުޅުމަށްޓަކައި ކުރިން ދޫކުރުމަށް ނިންމާފައިވާ 150 ގޯތީގެ އިތުރުން 50 ގޯތި އިތުރުކޮށްފައިވާ ކަމަށާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ތާރިހު ހަމަވާނެ ވަކި މުއްދަތެއް އަދި ކަނޑައެޅިފައި ނުވާ ކަމަށެވެ.

ތިނަދޫން ދޫކުރުމަށް ކުރިން ނިންމާފައިވާ 150 ގޯތީގެ ތެރޭގައި ހިމެނެނީ 1500 އަކަފޫޓާއި 2000 އަކަފޫޓާ ދެމެދުގެ ގޯތިތަކެކެވެ. އަދި ތިނަދޫގެ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރާ ސަރަހައްދުތަކުގެ ތެރެއިން ބްލޮކް 9 އިން ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި، ތިނަދޫ ރައްޔިތުންނާއި ދަފްތަރުގައި ހިމެނޭ މީހުންނަށް 70 ގޯއްޗާއި، ރަށުން ބޭރު މީހުންނަށް ދޫކުރާ 66 ގޯތީގެ އިތުރުން އެކަނިވެރި މައިންނަށާއި ބަފައިންނަށް ދޫކުރުމަށް ނިންމާފައިވާ ފަސް ގޯތި ހިމެނެއެވެ. އަދި އެރަށުގައި ވިޔަފާރި ކުރަމުންދާ ރަށުން ބޭރު ފަރާތްތަކަށް ތިން ގޯއްޗާއި، ޕްރޮފެޝަނަލް ދާއިރާއިން ހިދުމަތްދޭ ފަރާތްތަކަށް ހަ ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ތިނަދޫ ކައުންސިލުން ބުނެއެވެ.

އެންމެ ފަހުން ތިނަދޫން ގޯތި ދޫކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. އެފަހަރު ދޫކޮށްފައިވަނީ 161 ގޯއްޗެވެ.