ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ބަންދުން ދޫކޮށްލުމަށް ހުޅުމާލެ ކޯޓުން އަމުރުކޮށްފިއެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން މަންޑޭ ހައްޔަރުކޮށްފައި ވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. ފުލުހުން އޭނާގެ މައްޗަށް ކުރަނީ އަދުލު އިންސާފަށް ހުރަސް އެޅުމުގެ ކުށުގެ ތުހުމަތެވެ. މީގެ އިތުރުން އޭނާއާ ގުޅުންހުރި ފްރޯޑުގެ މައްސަލައެއްވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ ހަވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

އެ މުއްދަތު ހަމަވާތީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުރިމިނަލް ކޯޓަށް މިމަހުގެ 20 ވަނަ ދުވަހު ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފައެވެ.

ފުލުހުން "ވަން" އަށް މިއަދު ބުނީ މަންޑޭގެ ބަންދުގެ މުއްދަތު ހަމަވާތީ، ބަންދު މުރާޖާކުރުމަށް އިއްޔެ ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުން، އޭނާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ ޝަރުތަތަކީ ކޯޓަށް ހާޒިރުވާން އެންގުމުން ހާޒިރުވުމާއި މާލެއިން ބޭރަށް ދާނަމަ ހުއްދަ ނަގައިގެން ދިއުމަށް ކަމަށް ފުލުހުން ބުންޏެވެ.

އެންމެ ފަހުން ބޭއްވި މަންޑޭގެ ބަންދު މަޖިލީހުގައި ފުލުހުން ވަނީ މަންޑޭ ހެކި ނައްތާލަފާނެ ކަމަށް އަދި ފިލައިފާނެ ކަމަށް ބެލޭވޭ ކަމަށް ބުނެފައެވެ. އެގޮތުން މައްސަލައިގެ ހެކި ފޮރުވުމަށް މަންޑޭ މަސައްކަތް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި މަންޑޭގެ އޮފީސް ބަލައި ފާސްކުރި އިރު، ބައެއް ކޮމްޕިއުޓަރުތަކާއި މައްސަލައާ ގުޅުންހުރި ބައެއް އެގްރީމެންޓުތައް މަދު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މަންޑޭ ބަންދުން ދޫކޮށްލާފައިވާ އިރު، ކޯޓުން ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އޭނާގެ ޕާސްޕޯޓު ވެސް ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އެ އަމުރު ދައުލަތުގެ ފަރާތުން ވަނީ މި މަހުގެ ހަވަނަ ދުވަހު ހައިކޯޓްގައި އިސްތިއުނާފު ކޮށްފައެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫއެވެ. ކުންފުނީގައި އޭނާގެ 95 ޕަސެންޓް ހިއްސާ އޮންނަ އިރު، މަންޑޭގެ އޮންނަނީ ފަސް ޕަސެންޓުގެ ހިއްސާއެވެ.

ހަންބޯއިން އިން ވަނީ ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން މަންޑޭ ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާތީ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.