ވިސާގެ އެއްބަސްވުމަކާ އެކު، ޖަޕާނު ސަރުކާރުން ރާއްޖެއަށް ދެމުންނަ އަންނަ ސްކޮލަޝިޕްގެ އިތުރު ފުރުސަތުތައް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު މިސް ތަކެއުޗި މިދޯރީއެވެ.
މިއަދު ސޮއިކުރި ފުރަތަމަ އެއްބަސްވުމަކީ ރާއްޖެ އާއި ޖަޕާން ސަރުކާރާ ދެމެދު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓްތަކަށް ދެ ގައުމުން ވެސް 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި އެތެރެވުމާ ގުޅޭ އެއްބަސްވުމެކެވެ.
ދެވަނައަށް ސޮއިކުރި އެއްބަސްވުމަކީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ގޮތުން ޖަޕާނުގެ އެހީގައި ހިންގާ "ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް" ޕްރޮގްރާމްގެ ދަށުން އިތުރު ފުރުސަތުތައް މި އަހަރު ދިނުމާ ގުޅޭ އެއްބަސްވުމެކެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން މިހާރު ވެސް ޖަޕާނުގައި 10 ދިވެހި ދަރިވަރުން ކިޔަވަމުން އަންނަ ކަމަށާއި މި އަހަރު އިތުރު ހަ ދަރިވަރަކަށް އެ ފުރުސަތު ދޭނެ ކަމަށެވެ. އަދި އެ ސްކޮލާޝިޕްތަކަށް އެ ގައުމުން 12 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓަރުން ދެއްވި ގުޅިފައިވާ ބަޔާނުގައި މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ ޒަމާންވީ ގާތް ރަހުމަތްތެރިއެއް ކަމަށާއި ރާއްޖޭގެ އިިޖުތިމާއީ، އިގުތިސޯދީ އަދި އުމްރާނީ ތަރައްގީ އަށް މިދިޔަ 50 އަހަރުގެ ތެރޭގައި އެ ގައުމުން ގިނަ އެހީތަކެއް ވެދީފައިވާ ކަމަށެވެ.
ރާއްޖެ އާއި ޖަޕާނާ ހާރިޖީ ގުޅުން ގާއިމްކުރީ 14 ނޮވެމްބަރު، 1967 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު