ދިރާގާއި ހޯމް މިނިސްޓްރީ ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ޑްރޯން ޝޯ ރޭ ބާއްވައިފިއެވެ.

އެ ޑްރޯން ޝޯ ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އާބަންކޯ އާއި ހޯމް މިނިސްޓްރީ ގުޅިގެން ބޭއްވި މިނިވަން އުފާ ކާނިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ އެ ޑްރޯން ޝޯގައި 300 ޑްރޯންއާއެކު ތަފާތު ރީތި ދިވެހިވަންތަ ޑިޒައިންތަކެއް ވަނީ ދައްކާލައިފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުން އަދި ސަރުކާރުގެ އިސްވެރިން އެ ޑްރޯން ޝޯ ބައްލަވައިލެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވެސް އެ ޑްރޯން ޝޯ ބެލުމަށް ބައިވެރިވިއެވެ.

"އާންމުނަނަށް ހުޅުވާލައިގެން ރާއްޖޭގައި މި ބޭއްވި ފުރަތަމަ ޑްރޯން ޝޯއަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން. ޑްރޯންއަކީ ދުނިޔޭގައި ވެސް އެންމެ ކުރިއަރަމުން އަންނަ އެއް ޓެކްނޮލޮޖީ. އެގޮތުން، ދިވެހިރާއްޖޭގެ ލީޑިން ޑިޖިޓަލް ސާވިސް ޕްރޮވައިޑަރުގެ ހައިސިއްޔަތުން މިފަދަ އެންމެ ފަހުގެ ޓެކް ރާއްޖެއަށް ގެނެސް، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ތަފާތު އައު ތަޖުރިބާތަކެއް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒު،" ދިރާގުގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވިއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭ ފަދަ ތަފާތު މުނިފޫހިފިލުވުމާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް އެއްބާރުލުންދިނުން ކަމަށެވެ.