ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމަސާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ޖަޕާންގެ ފޮރިން މިނިސްޓަރު ޔޮޝިމަސާ ރާއްޖެ ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ޔޮޝިމަސާއަށް މަރުހަބާ ދެންނެވީ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދުގެ ނިޔަލަށް ޔޮޝިމަސާ ކުރައްވާ އެ ދުތުރުގެ ތެރެއިން މިނިސްޓަރު ޝާހިދާ ބައްދަލުކުރައްވައި، ރާއްޖެ އާއި ޖަޕާނުގެ ހާރިޖީ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި އެއަށްފަހު ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީއާ ވެސް ޔޮޝިމަސާ ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޖަޕާން ސަރުކާރުން ރާއްޖެއަށް ދޭ ހިއުމަން ޑިވެލޮޕްމެންޓު ސްކޮލާޝިޕްތަކުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، ރާއްޖޭގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުތަކަށް ދެގައުމުން ވެސް 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި އެތެރެވުމާ ގުޅޭ ލިޔެކިއުންތަކެއް ވެސް ބަދަލުކުރެވޭނެއެވެ. އަދި ޖަޕާނުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ހަދިޔާކުރާ އަލިފާން ނިއްވާ ބޯޓާއި އައިސީޓީ ވަސީލަތްތައް ހަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ވެސް މިނިސްޓަރު ޔޮޝިމަސާ ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.
އޭގެ އިތުރުން ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން ހަދާފައިވާ ކަލާފާނު ސްކޫލަށް ވެސް ޖަޕާނުގެ ފޮރިން މިނިސްޓަރު ޔޮޝިމަސާ ވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު