ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރައްވައި، 148 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ.

އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ އިތުރުން، ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް އެ ޝަރަފު ނޭރުވޭ ބޭފުޅުންނަށް އެ ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެބޭފުޅުންގެ ރެކޯޑުތައް، ރައީސް އޮފީހުން ހޯއްދެވުމަށްފަހު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ ބޭފުޅުންގެ ތެރެއިން އިނާމު ދިނުމުގެ ޝަރުތު ފުރިހަމަވާ 48 ބޭފުޅަކަށްވެސް މިއަދުގެ ރަސްމިއްޔާތުގައ ޝަރަފުގެ ބެޖާއި އައްޑަނަ އަރުވާފައިވާ ކަމަށެވެ.

މިއަދު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ތިން ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.

އެ ބޭފުޅުންނަކީ 52 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި މިހާރު އައިޖީއެމްއެޗްގެ ބްލަޑް ބޭންކުގެ ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ހ. މާހާ/ އާމިނަތު ވަހީދާއާއި 51 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންފައިވާ، ރ. އަތޮޅުގެ އިސް މެޖިސްޓްރޭޓްކަން ކުރެއްވި، އަނގޮޅިތީމު/ ފެހިވިލާގޭ އަހުމަދު ރަޝީދާއި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓްކަން ކުރެއްވި ގ. ފަސާނާ ލެފްޓިނަންޓް (ރިޓަޔަރޑް) އަހުމަދު މަނިކެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މިއަދު ލިބިވަޑައިގެންނެވި 148 ބޭފުޅުންގެ ތެރެއިން 34 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. އަދި މި ފަހަރު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިގެން އިނާމު ހާސިލުކުރެއްވީ 65 ބޭފުޅެކެވެ.