މެންޗެސްޓާ ސިޓީގައި ގިނަ ކާމިޔާބީތަކެއް ހޯދި ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ސިލްވާ ރިޓަޔާކޮށްފިއެވެ.

އުމުރުން 37 އަހަރުގެ ސިލްވާ، ފުޓުބޯޅަ ކުޅުން ހުއްޓާލާފައި މިވަނީ ރެއާލް ސޮސިއެޑާޑްއާއެކު ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން އޭނާގެ ފައިގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

ރިޓަޔާކުރިކަން އިއުލާންކުރުމަށް ސޯޝަލް މީޑިއާއަށް ޕޯސްޓުކުރި ވީޑިއޯ މެސެޖެއްގައި ސިލްވާ ބުނީ މިއަދަކީ އޭނާއަށް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށާއި މުޅި އުމުރު ހޭދަކުރި ފުޓުބޯޅަ ކެރިއަރު ނިންމާލަން ޖެހިފައިވާ ކަމަށެވެ. އަދި ސިލްވާ ވަނީ އޭނާ ކުޅުނު ކްލަބުތަކަށް ހާއްސަ ޝުކުރެއް ވެސް އަދާކޮށްފައެވެ.

ވެލެންސިއާގެ އެކަޑަމީގައި ތަމްރީނުވުމަށްފަހު، އެ ކްލަބުގެ ސީނިއާ ޓީމުން ސިލްވާ ފުރަތަަމަ ފެނިގެންގޮސްފައިވަނީ 2003 ވަނަ އަހަރުއެވެ. އެއަށްފަހު އޭނާ މެންޗެސްޓާ ސިޓީއާ ގުޅުނީ 2010 ވަނަ އަހަރުއެވެ. އަދި ސިޓީއާއެކު ދިހަ އަހަރު ހޭދަކުރުމަށްފަހު، ރެއާލް ސޮސިއެޑާޑްއާ އޭނާ ގުޅުނީ 2020 ވަނަ އަހަރުއެވެ.

ސިޓީގައި ސިލްވާ ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ހަތަރު ޕްރިމިއާ ލީގާއި ދެ އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ ސްޕެއިން ގައުމީ ޓީމާއެކު 2010 ގެ ވޯލްޑް ކަޕްގެ އިތުރުން 2008 އަދި 2012 ގެ ޔޫރޯ ވެސް ކާމިޔާބުކޮށްފައެވެ.