ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވަނީ ވެސް އިލްޔާސް އެކަންޏެވެ. އެހެންކަމުން ދަ ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދު ބުނާގޮތަށް ކުރިއަށްގެންގޮސްފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.
އިލްޔާސްގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ރައީސް ނަޝީދު، އިލްޔާސް ރިޔާސީ ޓިކެޓު ކާމިޔާބުކުރެއްވުމުން މަރުހަބާ ދެންނެވުމަށް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ އިލްޔާސް ކަމަށެވެ.
"ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓު ކަށަވަރުކުރައްވައި، އަދި މާތްﷲ ގެ އިރާދަފުޅާއެކު ސެޕްޓެމްބަރު 2023 ގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކުރައްވާނެ. އިލްޔާސް ލަބީބަށް ވަރަށް ބޮޑަށް މަރުހަބާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި 3،203 މީހުން ވަނީ ވޯޓު ލައިފައެވެ. އޭގެ ތެރެއިން އިލްޔާސަށް ރިޔާސީ ޓިކެޓު ދިނުމަށް ފެންނަކަމަށް ވޯޓު ދީފައިވަނީ 3،041 މީހުންނެވެ. ނުފެންނަކަމަށް ވޯޓު ދިނީ 153 މީހުންނެވެ. އަދި ބާތިލު ނުވަ ވޯޓު ހިމެނެއެވެ.
ދަ ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގެ 124 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ، ރިޔާސީ ޕްރައިމަރީއަށް އެއް ކެނޑިޑޭޓަކު އެކަނި ކުރިމަތިލައިފި ހާލަތެއްގައި ފެންނަ ނުފެންނަ ކަމުގެ ވޯޓެއް ޕާޓީގެ މެންބަރުންގެ މެދުގައި ނަގައި، އެ އިންތިހާބުގައި ފެންނަކަމުގެ 10 ޕަސެންޓް ވޯޓު އެމީހަކަށް ލިބިއްޖެނަމަ އެމީހަކީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަމުގައި ކަނޑައަޅަންވާނެ ކަމަށެވެ.
އަސާސީ ގަވާއިދުގެ 125 ވަނަ މާއްދާގައި ބުނަނީ، ކެނޑިޑޭޓުގެ ރަނިންމޭޓުގެ ގޮތުގައި ކަނޑައަޅާނެ ފަރާތެއް ނިންމާނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތުން ކަމަށެވެ.
އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލައިފައެވެ. އިލްޔާސްގެ އިތުރުން ޕާޓީތަކުން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވައިފައި ވަނީ، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. މީގެ އިތުރުން އެމްއާރްއެމްގެ ރައީސް، އަހުމަދު ފާރިސް ވެސް ގެންދަވަނީ ސޮއި ހަމަކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
އިދިކޮޅު ޕީޕީއެމުން ރިޔާސީ ޓިކެޓު ދީފައިވަނީ އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ. ނަމަވެސް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން، ހައިކޯޓުގައި ކުރިއަށްގެންދާ އިސްތިއުނާފު މައްސަލަ މަޑުޖެހިފައިވާތީ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވޭނެކަމާމެދު އޮތީ ސުވާލު އުފެދިފައެވެ. ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނީ ހައިކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފީ މައްސަލަ އެ މަނިކުފާނާ އެއްކޮޅަށް ނިމިއްޖެނަމައެވެ.
ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވެސް ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ގެންދަވަނީ އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރެއްވުމުގެ މަސައްކަތްކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު