ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ ތެރެއިން 94.94 ޕަސަންޓް މެމްބަރުންގެ ތާއިދާއެކު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އިންތިހާބު ކުރައްވައިފިއެވެ.
އެ ޕްރައިމަރީގައި ވާދަކުރެއްވީ ހަމައެކަނި އިލްޔާސްއެވެ. އެހެންވެ ނެގީ ފެންނަ، ނުފެންނަ ވޯޓެކެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ ބާއްވާފައިވަނީ މިއަދު މެންދުރުފަހު 2:00 އިން 6:00 އަށެވެ. އެ އިންތިހާބުގައި 3،203 މީހުން ވަނީ ވޯޓު ލައިފައެވެ. އޭގެ ތެރެއިން އިލްޔާސަށް ރިޔާސީ ޓިކެޓު ދިނުމަށް ފެންނަކަމަށް ވޯޓު ދީފައިވަނީ 3،041 މީހުންނެވެ. ނުފެންނަކަމަށް ވޯޓު ދިނީ 153 މީހުންނެވެ. އަދި ބާތިލު ނުވަ ވޯޓު ހިމެނެއެވެ.
ދަ ޑިމޮކްރެޓްސްއިން ބުނެފައިވަނީ ވޯޓު ފޮށިތައް ބަހައްޓާނީ 20 މެންބަރުންނަށްވުރެ ގިނައިން މެންބަރުން ތިބި ރަށްރަށުގައި ކަމަށާއި، އެއަށްވުރެ މަދު މެންބަރުން ތިބި ރަށްރަށުގައި ވޯޓުލުން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށެވެ.
'ދަ ޑިމޮކްރެޓްސް' ގެ އަސާސީ ގަވާއިދުގެ 124 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ، ރިޔާސީ ޕްރައިމަރީއަށް އެއް ކެނޑިޑޭޓަކު އެކަނި ކުރިމަތިލައިފި ހާލަތެއްގައި ފެންނަ ނުފެންނަ ކަމުގެ ވޯޓެއް ޕާޓީގެ މެންބަރުންގެ މެދުގައި ނަގައި، އެ އިންތިހާބުގައި ފެންނަކަމުގެ 10 ޕަސެންޓް ވޯޓު އެމީހަކަށް ލިބިއްޖެނަމަ އެމީހަކީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަމުގައި ކަނޑައަޅަންވާނެ ކަމަށެވެ.
އަސާސީ ގަވާއިދުގެ 125 ވަނަ މާއްދާގައި ބުނަނީ، ކެނޑިޑޭޓުގެ ރަނިންމޭޓުގެ ގޮތުގައި ކަނޑައަޅާނެ ފަރާތެއް ނިންމާނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު