ކުއްލިގޮތަށް ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަން ބަލަން ފަށައިފިއެވެ.

ރެއިން ފެށިގެން ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެކަން ބޮޑަށް ކުރިމަތިވެފައިވަނީ މާލޭގައި ރޭ ބޭއްވި ފުޅަނދު ބުރަށް ދިޔަ ކުޑަކުދިންނަށެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއިން މިއަދު ހެނދުނު ކުރި ޓުވީޓެއްގައި ބުނީ ރެއިން ފެށިގެން މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެކަމުގެ ސަބަބު ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މި ހަފުތާ ތެރޭގައި ވެސް މާލޭގައި ޑެންގީ ހުމާއި ބޭރަށް ހިންގުން ވަނީ އިތުރުވެފައެވެ. އެކަމާ ގުޅިގެން ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ދާ ކުޑަކުދިންނާއި މީހުން އިތުރުކަމަށް ޑޮކްޓަރުން ވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ ކޭސްތަކުން ހޮސްޕިޓަލުތަކުގެ އީއާރް ފުރިފައިވާ ކަމަށެވެ. އަވަސް އަވަހަށް އަތް ދޮވުމަށް ހާއްސަ ސަމާލުކަމެއްދީ، ހޮޑަށްދޭ ބޭސްކޮޅެއް ދީފައި މަދުމަދުން ވިޔަސް އަވަސް އަވަހަށް ދިޔާ އެއްޗެހި ދިނުމަށް އޭނާ ވަނީ އިރުޝާދު ދެއްވައިފައެވެ.