ވެރިކަން ހޯދުމުގެ ބޭނުމުގައި ސޮއިކުރާ ޕްރޮޖެޓުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެން އަތުލާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި، ޕީޕީއެމް އޮފީސް ކުރިމަތީގައި ރޭ ބޭއްވި މަގުމަތީ ހަރަކާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ކެމްޕޭނާ ދިމާކޮށް ހިންގަމުން އެދަނީ ގައުމަށް ފައިދާ ހުރި ޕްރޮޖެކްޓުތަކެއް ނޫން ކަމަށާއި އެއީ ޕްރޮޖެކްޓުގެ ނަމުގައި ހިންގާ ބޮޑެތި ވައްކަން ކަމަށެވެ.

"ވެރިކަން ހޯދުމުގެ ބޭނުމުގައި މި ސޮއިކުރާ ބޮޑެތި ޕްރޮޖެކްޓުތައް، ދައުލަތުގެ މާލިއްޔާއިން މި ކުރާ ހޭދަ، އަޅުގަނޑުމެންނަށް އެބަ އެނގޭ މީގެން އެއްވެސް ޕްރޮޖެކްޓަކަށް ނުދާކަން. އަޅުގަނޑުމެންނަށް އެބަ އެނގޭ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފައިސާ، ވަކިން ހާއްސަކޮށް ކެމްޕޭނާ މިހާ ގާތްކޮށްފައި މި ސޮއިކުރާ ޕްރޮޖެކްޓުތަކުގެ ފައިސާ މިދަނީ ސީދާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށްކަން. އެއީ ބޭރުގެ އިންވެސްޓްމަންޓެއް ކަމަށްވިޔަސް، އެއީ މި ގައުމުގެ ވިޔަފާރިވެރިޔަކަށް ދީގެން ކުރިއަށްގެންދާ އިންވެސްޓްމަންޓެއް ކަމަށްވިޔަސް އަޅުގަނޑުމެންގެ ސަރުކާރެއްގައި، ރައީސް ޔާމީންގެ ޒައާމަތެއްގައި އިރާދަކުރެއްވިއްޔާ ބަޖެޓު ނުކޮށް މިދޭ ޕްރޮޖެކްޓުތައް އަޅުގަނޑުމެން އެ ޕްރޮޖެކްޓުތަކުގެ އެގްރީމަންޓުތައް ބާތިލުކުރާނެކަން އަޅުގަނޑުމެން މި ދަންނަވަނީ ތަކުރާރުކޮށް،" އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ފޮރުވައިގެން އެއްވެސް އެގްރިމެންޓެއް ހެދުމުގެ ބާރެއް ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިނުގަންނަވާ ކަމަށާއި ރައްޔިތުންނަށް ފޮރުވައިގެން ހަދާ އެ އެގްރިމަންޓުތައް ރައީސް ޔާމީންގެ ވެރިކަމެއް ބާތިލުކުރާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން އިންޑިއާ އާއި އިންޑިއާގެ އަސްކަރިއްޔާ ގާއިމުވެ ތިބުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުން ދެވިފައި ހުރި ބިންތައް އަޅުގަނޑުމެން، ރައީސް ޔާމީންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ އަތުލާނަން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހު ވެރިކަން ކުރައްވަމުން ގެންދަވަނީ ލީޑަރުން ވެރިކަން ކުރައްވާ ގޮތަށް ނޫން ކަމަށާއި ގައުމަށް ފައިދާވާނެ ގޮތެއް އަދި ގައުމަށް އާމްދަނީ ވައްދާނެ ގޮތެއް ވެސް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ ވެލްފެއާ ނިޒާމު ވެސް ހޭދަކުރައްވަނީ ސީދާ ރައީސް ސޯލިހުގެ ކެމްޕޭނަށް ކަމަށް ޝިޔާމް ތުހުމަތުކުރެއްވިއެވެ.