ހއ. އިހަވަންދޫ ބިން ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ނިމި، ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ބޮޑު ހިލަތަކެއް ވެސް މިހާރު މަސައްކަތުގެ ސައިޓަށް އަންލޯޑުކޮށްފައިވާ ކަމަށެވެ.
އިހަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 54 ޕަސަންޓް ނިމިފައިވާ ކަމަށާއި އަދި މުޅި މަޝްރޫއުތަކުގެ 75 ޕަސަންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 123.96 މިލިއަން ރުފިޔާއަށެވެ.
އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުވެސް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ. ޖުމުލަ 59.07 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ ށ. ކޮމަންޑޫ ބިން ހިއްކުމަށް ޗާޓަރު ކޮށްފައިވާ ޑްރެޖަރު "ފިލިޕޯ ބްރުނެލެޝީ" މިއަދު ސައިޓަށް މޮބިލައިޒްކުރެވޭނެ ކަމަށެވެ.