ރިޕޯޓް

އެސްޓީއޯގެ ސްމާޓް ސްޓޯރު: ދުނިޔޭގެ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހައާއެކު ވިޔަފާރިއަށް އިންގިލާބެއް

މުހައްމަދު ޖަމްޝަތް ވަހީދު

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ކޮމްޕިއުޓަރު ސިސްޓަމްތައް ބޭނުންކޮށްގެން އިންސާނާގެ ބުއްދީގެ އެކި ސިފަތައް ކަމަށްވާ، މައްސަލަ ހައްލުކުރުމާއި، އުނގެނުން ފަދަ ކަންކަން ނަކަލުކުރާ ބާރުގަދަ ޓެކްނޮލޮޖީ އެކެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން ދުބާއީ، ޗައިނާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ވިޔަފާރިކުރެވޭ ސްމާޓް ފިހާރަތައް މިހާރުވެސް ހިންގަމުން އަންނައިރު ވިޔަފާރި ކުންފުނި، އެސްޓީއޯއިންވެސް މިވަނީ ރާއްޖޭގައި އެފަދަ ސްމާޓް ފިހާރައެއް ހުޅުވާފަ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފިހާރަބަރީގައި ކުރިން އެސްޓީއޯ ފިހާރަ ހިންގަމުން އައި ތަނުގައި އިއްޔެ ހުޅުވި މި ސްމާޓް ސްޓޯރަކީ ރާއްޖޭގައި ހުޅުވި އެފަދަ ފުރަތަމަ ފިހާރަ އެވެ. އާޓިފިޝަލް އިންޓެލިޖެންސް ވިޝަންއާއި އައިއޯޓީ ސެންސަރުތައް ބޭނުންކޮށްގެން 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ފިހާރައިގައި ސެކިއުރިޓީ ގާޑެއް ފިޔަވައި އިތުރު މުވައްޒަފުންނެއް ނުތިބޭނެ އެވެ. މާނައަކީ ސޭލްމަނެއް އަދި ކޭޝިއަރެއްވެސް ނުހުންނާނެ އެވެ. މިއީ ކިޔުގައި ނުޖެހި ފަސޭހަކަމާ އެކު ވިޔަފާރި ކުރެވޭނެ، ރާއްޖެއަށް މުޅިން އާ ޓެކްނޮލަޖީ އެކެވެ.

ސްމާޓް ސްޓޯރު އޮޕަރޭޓުކުރާ ގޮތް:

އެ ފިހާރައަށް ވަދެވޭނީވެސް އަދި ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރެވޭނީ އެކަމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. ފިހާރައިގެ ދޮރުގައިވާ ކިއުއާރު ކޯޑު ސްކޭންކޮށްލުމުން އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އެވެ. މި އެޕްލިކޭޝަން އެޕަލް އަދި އެންޑްރޮއިޑް ފޯނުތަކަށްވެސް އެޅޭނެ އެވެ. އެއަށްފަހު އެޕްލިކޭޝަނުގައި އެމީހެއްގެ ފޯނު ނަންބަރާއި ބޭންކު ކާޑުގެ މައުލޫމާތު ޖަހައި ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. ކާޑު މައުލޫމާތު ޖެހި ނަމަވެސް އެ މައުލޫމާތު ރައްކާކޮށްފައި ނުބަހައްޓާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ފިހާރައަށް ވަންނަ ކަސްޓަމަރަށް ދެ ގޮތަކަށް ފިހާރައިގެ ދޮރު ހުޅުވޭނެ އެވެ. އެއީ ކިއުއާރު ކޯޑު ސްކޭން ކޮށްގެންނާއި ފޭސް ރިކޮގްނިޝަންގެ އެހީގަ އެވެ. އެޕްލިކޭޝަނުގައި ހިމަނާފައިވާ ފޭސް ރިކޮގްނިޝަން ފީޗާގައި އެމީހެއްގެ މޫނު ރެޖިސްޓްރީ ކުރުމުން ފޯނު އަތުގައި ނޯންނަ ހާލަތުގައި ވެސް މޫނު ސްކޭންކޮށްލުމަށް ފަހު، މި ފިހާރައަށް ވަދެ ވިޔަފާރި ކުރެވޭނެ އެވެ. ކަސްޓަމަރު ވަނުމާއެކު ފިހާރައިގެ ދޮރު ވަގުތުން ލެއްޕޭނެ އެވެ.


އެސްޓީއޯ ސްމާޓް ސްޓޯރުގެ އެޕްލިކޭޝަނުގައި ބޭނުންކުރާނީ ބީއެމްއެލް ޓޯކަނައިޒޭޝަން ފީޗާ އެވެ. އެހެންވެ އެޕްލިކޭޝަނުގައި ކާޑު ރެޖިސްޓާ ކުރާ ހިސާބުން 3ރ. ޗާޖެއް ކުރާނެ އެވެ. ނަމަވެސް ކަސްޓަމަރު ކުރާ ފުރަތަމަ ވިޔަފާރީގެ މުއާމަލާތުގައި އެ 3ރ. ހިމެނޭނެ އެވެ. ޓޯކަނައިޒޭޝަން ފީޗާ އަކީ ޕާސްވޯޑެއް ޖެހުމަކާ ނުލައި ފައިސާގެ މުއާމަލާތްތައް ކާޑު މެދުވެރިކޮށް ކުރެވޭ ރައްކާތެރި ފީޗާއެކެވެ.

ސްމާޓް ސްޓޯރުން ވިޔަފާރިކުރުން:

އެޕްލިކޭޝަން މެދުވެރިކޮށް ރެޖިސްޓަރީވުމަށްފަހު އެ ފިހާރައަށް ވަދެ ވިޔަފާރި ކުރަންވީ އެވެ. ގަންނަން ބޭނުންވާ އެއްޗެއް ފިހާރައިގެ ހަރުން ނަގަމުންދާ ވަރަކަށް އެމީހެއްގެ އެޕްލިކޭޝަނުގެ ކާޓަށް އެ ތަކެތި އިތުރުވަމުންދާނެ އެވެ. ހިިޔާލު ބަދަލުވެ ކުރިން ނެގި އެއްޗެއް ކާޓުން އުނިކުރަން ބޭނުން ނަމަ އަނބުރާ ހަރުގައި ބަހައްޓަންވީ އެވެ. އޭރުން އެ އައިޓަމް ކާޓުން އުނިވާނެ އެވެ.

މި ކަމަށް ބޭނުންކުރަނީ އައިއޯޓީ ސެންސަރުތަކަށްވާތީ މުދަލުގެ ބަރުދަނަށް ބަދަލެއް އައިސްފިނަމަ އެކަން ފިހާރައިގެ އޭއައިއަށް އެނގޭނެ އެވެ. މާނައަކީ ދަޅެއް ނުވަތަ ފުޅިއެއް ނަގައި ބޯލުމަށްފަހު އަނބުރާ ބެހެއްޓިއަސް އެކަން ދަނެގަތުމުގެ ގާބިލުކަން އޭއައިގެ ހުންނާނެ އެވެ. ކަސްޓަމަރުން ފިހާރައަށް ވަންނަ ހިސާބުން، ފިހާރައިގައި ހަރުކޮށްފައިވާ ކެމެރާތަކުން އެ ކަސްޓަމަރެއްގެ ހަރަކާތްތައް ދާނީ ބަލަމުންނެވެ. ހަރުތަކުގައި ގާއިމުކޮށްފައި ހުންނަ ސެންސަރުތަކުން އެ ހަރަކުން މުދާ ނަގައިފި ނަމަ، އެއީ ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް އެ ދެނެގަންނާނެ އެވެ.

ވިޔަފާރިކޮށް ނިމުމުން ނުކުމެ އެ ވިޔަފާރީގެ މުއާމަލާތް ނިމޭނީ އެމީހަކު ގަންނަން ބޭނުންވާ އެއްޗެހި ހިފައިގެން ފިހާރައިން ބޭރަށް ނުކުތުމުންނެވެ. ފިހާރައިން ނުކުތުމާއެކު އެޕްލިކޭޝަން މެދުވެރިކޮށް ފޯނަށް ރަސީދު ލިބޭނެ އެވެ. އެހާވެސް ފަސޭހަ އެވެ.

އެސްޓީއޯގެ ޗީފް އިންފޮމޭޝަން އޮފިސަރު، އިސްމާއިލް މިފްރާހު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ފިހާރައިން 24 ގަޑިއިރު ހިދުމަތް ދޭން ފަށާނެ އެވެ. އަދި އެސްޓީއޯގެ އަމާޒަކީ ރާއްޖޭގައި ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކަށްވެސް މި ހިދުމަތް ބޭނުންކުރެވޭ ގޮތް ހެދުން ކަމަށް މިފްރާދު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި މިފަދަ އެހެން ފިހާރައެއް ހުޅުވުމުގެ ޝައުގުވެރިކަން ވިޔަފާރިއަކުން ފާޅުކޮށްފި ނަމަ، އެކަމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ މުޅި ދެކުނު އޭޝިއާގައިވެސް ހުރި މިފަދަ އެންމެ ބޮޑު ފިހާރަ ކަމަށް އެސްޓީއޯއިން ބުނެއެވެ. މިފިހާރައިން ކަސްޓަމަރުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވިޔަފާރިކުރުމަށް ހޭދަކުރަން ޖެހޭ ވަގުތު ސަލާމަތްވުމެވެ. 2016 ވަނަ އަހަރު އެމޭޒަން ކުންފުނިން ތައާރަފުކުރި މި އީޖާދީ ޓެކްނޮލޮޖީ މިހާ އަވަހަށް ރާއްޖެއަށް ތައާރަފުވެގެެން އައުމަކީ ހަގީގަތުގައިވެސް އެސްޓީއޯއިން ރާއްޖޭގެ ރީޓެއިލް ވިޔަފާރިއަށް ގެނައި އިންގިލާބީ ބޮޑު ބަދަލެކެވެ.