އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުން ކޮށްގެން އޮޕަރޭޓްކުރާ ގޮތަށް އެސްޓީއޯއިން ހުޅުމާލޭގައި ހެދި ސްމާޓް ސްޓޯ މިއަދު ހުޅުވައިފިއެވެ.
ހުޅުމާލޭ ފޭސް އެކެއްގެ ފިހާރަބަރީގައި އެސްޓީއޯ ހުޅުމާލެ ފިހާރަ ކުރިން ހިންގި ތަނުގައި ހެދި ސްމާޓް ފިހާރަ ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ ރަސްމިއްޔާތުގައި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދުގެ އިތުރުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ބައިވެރިވެވަޑައިގެންނެވިއެވެ.
އެސްޓީއޯގެ ސްމާޓް ސްޓޯރަކީ ރާއްޖޭގައި ހުޅުވި އެފަދަ ފުރަތަމަ އަދި ދެކުނު އޭޝިއާގައިވެސް ހުރި އެފަދަ އެންމެ ބޮޑު ފިހާރައެވެ. މި ފިހާރާގައި ކޭޝިއަރެއްވެސް އަދި ސޭލްސްމަނެއްވެސް ނުހުންނާނެއެވެ. ވިޔަފާރި ކުރުމަށް ބޭނުންކުރާނީ އޭއައި ވިޝަން ޓެކްނޮލޮޖީ އެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުންވެސް ބޭނުންކުރަމުން އަަންނަ ޓެކްނޮލޮޖީއެކެވެ.
މި ފިހާރައާ ގުޅޭ ގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ އޭޝިއާ ސަރަހައްދުގައިވެސް މިފަދަ ފިހާރަތައް ހުރީ މަދު ގައުމެއްގައި ކަމަށާއި މި ފިހާރަ އާއެކު ރާއްޖެއަށްވެސް އެ ގައުމުތަކާ ފައިހަމަކުރެވިއްޖެ ކަމަށެވެ. އަދި މި ފިހާރަ ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ މި އީޖާދީ ޓެކްނޮލޮޖީގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާންމުންނަށް އެތައް ފަސޭހަތަކެއް ލިބިގެން ދިއުން ކަމަށް ވިދާޅުވިއެވެ.
''މިތަނުން ތަޖުރިބާ ކުރަމުންދާ ޓެކްނޮލޮޖީއަކީ ވިޔަފާރި ކުރައްވާ އެހެން ބޭފުޅުންނަށް އޭގެ ބޭނުން އެކި ގޮތް ގޮތަށް ބޭނުންކުރެވޭނެ ޓެކްނޮލޮޖީއެއް ކަމުގައި އަޅުގަނޑު ދެކެނީ. މިއީ ފެށުމެއް،" ސައީދު ވިދާޅުވިއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި، ސްމާޓް ފިހާރާގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ހާސްބައި ކުޑަކޮށްލަދިނުމާ އެކު ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތައްވެސް އެއްކޮށް ނައްތާލެވޭނެއެވެ. އެގޮތުން ފިހާރައިން ވިޔަފާރިކުރުން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް އަޅަައި ރަޖިސްޓްރީކޮށް ކަސްޓަމަރުގެ ބޭންކު ކާޑުގެ މައުލޫމާތު ހިމަނަންޖެހޭނެއެވެ. މި އެ އެޕްލިކޭޝަން މެދުވެރިކޮށް ފިހާރައިން ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ކޮށްލެވޭނެއެވެ.
ސްމާޓް ފިހާރައިގައި ހަރުކޮށްފައިވާ ކެމެރާތަކުން ކަސްޓަމަރު ދެނެގަންނައިރު، ހަރުތަކުގައި ގާއިމުކޮށްފައި ހުންނަ ސެންސަރުތަކުން އެ ހަރަކުން މުދާ ނަގައިފި ނަމަ، އެއީ ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް އެ ދެނެގަންނާނެއެވެ. އަދި ބޭނުންވާ މުދާ ހަރުތަކުން ނަގަމުންދާ ވަރަށް އެ ތަކެތި ދާނީ ކަސްޓަމަރުގެ ވާޗުއަލް ކާޓަށް އިތުރުވަމުންނެވެ. އަލުން އެ އެއްޗެއް ހަރަށް ލައިފި ނަމަ، ކާޓުން އެ އެއްޗެއް އުނިވާނެއެވެ.
އަދި ބޭނުންވާ މުދާ ނަގާ ނިމުމުން ފިހާރައިން ނުކުމެގެންދާންވީއެވެ. މުދަލަށް އެރި ފައިސާގެ އަދަދު އޮޓޮމެޓިކުން ކަސްޓަމަރުންގެ އެކައުންޓުން ކެނޑިގެންދާނެއެވެ. މި ފިހާރައިން ވިޔަފާރި ކުރުމަށް ބޭނުންކުރާނީ ކާޑުތަކުގައި ހިމެނޭ "ޓޯކަނައިޒޭޝަން" ފީޗާއެވެ. މިއީ ޕާސްވޯޑެއް ޖެހުމަކާ ނުލައި ފައިސާގެ މުއާމަލާތްތައް ކާޑު މެދުވެރިކޮށް ކުރެވޭ ރައްކާތެރި ފީޗާއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު