ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ، 'ދަ ޑިމޮކްރެޓްސް' ގެ ރިޔާސީ ޕްރައިމަރީގައި މާދަމާ ވޯތުލާއިރު، 20 މެންބަރުންނަށްވުރެން މަދު މެންބަރުން ތިބޭ ރަށްރަށުގައި ވޯޓު ލުން ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

'ދަ ޑިމޮކްރެޓްސް' ގެ އޮފިޝަލް އަދި މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފް ފާތިހު މިއަދު ވަން އޮންލައިންއަށް ވިދާޅުވީ، އެ ޕާޓީގެ ރިޔާސީ ކެނޑޭޓް ކަނޑައެޅުމަށް މާދަމާ ނަގާ ފެންނަ ނުފެންނަ ވޯޓުގައި އޮންލައިންކޮށް ވޯޓު ލުމަށްޓަކައި އޮންލައިން ޕޯޓަލްއެއް މިއަދު ތައާރަފް ކުރައްވާނެ ކަމަށެވެ.

އެ ވޯޓުގައި ވޯޓު ފޮށިތައް ބަހައްޓާނީ 20 މެންބަރުންނަށްވުރެން ގިނައިން މެންބަރުން ތިބި ތަންތަނުގައި ކަމަށާއި، އެއަށްވުރެ މަދު މެންބަރުން ތިބި ތންތަނުގައި ވޯޓު ލުން ކުރިއަށްދާނީ އޮންނަލައިންކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު މި ބަލަނީ އޮންލައިން ޕޯޓަލް ތައާރަފް ކުރުމަށް، 20 މެންބަރުންނަށްވުރެން މަދު ތަންތަނުގައި ވޯޓު ލުން ކުރިއަށްދާނީ އޮންލައިންކޮށް،"

'ދަ ޑިމޮކްރެޓްސް' ގެ ރިޔާސީ ޕްރައިމަރީއަށް ފުރުސަތު ހުޅުވައިލުމުން، ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެކަންޏެވެ.

އެހެންކަމުން އޮންނާނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ.

'ދަ ޑިމޮކްރެޓްސް' ގެ އަސާސީ ގަވާއިދުގެ 124 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ، ރިޔާސީ ޕްރައިމަރީއަށް އެއް ކެނޑިޑޭޓަކު އެކަނި ކުރިމަތިލައިފި ހާލަތެއްގައި ފެންނަ ނުފެންނަ ކަމުގެ ވޯޓެއް ޕާޓީގެ މެންބަރުންގެ މެދުގައި ނަގައި، އެ އިންތިހާބުގައި، ފެންނަ ކަމުގެ 10 ޕަސެންޓް ވޯޓު އެމީހަކަށް ލިބިއްޖެނަމަ އެމީހަކީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަމުގައި ކަނޑައަޅަން ވާނެ ކަމަށެވެ.

އަސާސީ ގަވާއިދުގެ، 125 ވަނަ މާއްދާގައި ބުނަނީ، ކެނޑިޑޭޓުގެ ރަނިން މޭޓުގެ ގޮތުގައި ކަނޑައަޅާނެ ފަރާތެއް ނިންމާނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތް ކަމަށެވެ.

'ދަ ޑިމޮކްރެޓްސް' ގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ވޯޓުލުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. އެ ދުވަހުގެ ވޯޓުލުން ކުރިއަށްދާނީ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށެވެ.

ސައިފް ވިދާޅުވީ، 6:00 އަށް ވޯޓުލުން ކުރިއަށް ގެންދާގޮތަށް އޮން ނަމަވެސް ގިނަ ބަޔަލު ވޯޓުލާން އަތުވެއްޖެނަމަ ލައިންގައިތިބި މީހުން ވޯޓުލާ ނިމެންދެން ވޯޓުނެގުނ ކުރިއަށްދާނެ ކަމަށެވެ.

ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދަނީ، ޕްރައިމަރީ ބާއްވާ ދުވަހު އެ ޕާޓީއަށް ސޮއިކުރާ މީހުންނަށް ވެސް ޕްރައިމަރީގައި ވޯޓު ލެވޭ ގޮތަށެވެ.