ރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީހަށް ބަލާއިރު، ހަގީގީ މާނާގައި މިނިވަންކަން ލިބުނީ މިދިޔަ ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މިނިވަންކަމުގެ މަދަނީ އައްޑަނައަކީ ރައްޔިތުންގެ ހިތްތަކުގައި އޮންނަ ގައުމީ ލޯބި ކަމަށާއި އެ އައްޑަނައިން ރައްކާތެރިކޮށްދޭ މިނިވަންކަމުގެ ބިންގަލަކީ ދާހިލީ ހަމަޖެހުން ކަމަށެވެ. އަދި އެ ބިންގަލުގެ މަތީގައި ބިނާކުރާ ގައުމިއްޔަތުގެ ކުރިބޯއްޓަކީ ރައްޔިތުންގެ މެދުގައި އޮންނަ ސުލްހަމަސަލަސްކަމާއި އަމާންކަމާއި އެކުވެރިކަން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީހަށް ބަލާއިރު މިދިޔަ ފަސް އަހަރަކީ ކޮންމެ ދިމާއަކުންވެސް ފުރިހަމަ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު ކަމަށެވެ.

"މިދިޔަ ފަސް އަހަރަކީ ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު. ހާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާހިލީ މިނިވަންކަން އެންމެ ފުޅާގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މިނިވަންކަމުގެ ހަގީގީ އުފަލަކީ އެ މީހެއްގެ ޒާތަށް ލިބެންޖެހޭ މިނިވަންކަން ހާސިލުލުވުމުގެ އުފާ ކަމަށެވެ. އެގޮތުން މިނިވަންކަންމަތީގައި ގައުމު ދެމި އޮތަސް، ރައްޔިތުންގެ ޒާތަށް ލިބެންޖެހޭ މިނިވަންކަމަކީ މުޅިން ތަފާތު އެއްޗެއް ކަމަށާއި އެއީ އެ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ހައްގާ ގުޅިފައިވާ އަސާސީ އަދި ޒަރޫރީ މުހުތާދުތައް ފިލުވޭނެ ގޮތް ދައުލަތުން ހަމަޖައްސައިދީފައި އޮންނަ އޮތުން ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިވެހިން އެދިއެދި ތިބި މަންޒިލަކީ 21 ވަނަ ގަރުނުގެ ތަރައްގީ ކަމަށާއި އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަސްވެފައި އޮތީ ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ހާލަތު ކަމަށެވެ. އެގޮތުން މި ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ އަމާޒަކަށް ހެދީ އެ ހާލަތު ބަދަލުކޮށް ތަރައްގީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުން ކަމަށް ވިދާޅުވިއެވެ.