އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިސްރާއީލުން ހިފައިފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި އިސްރާއީލުގެ ސިޔާސަތުތަކާއި އަމަލުތަކުގެ ސަބަބުން ދިމާވާ ގާނޫނީ ކަންތައްތަކުގެ ނަތީޖާތަކާ ގުޅޭގޮތުން އެޑްވައިޒަރީ އޮޕީނިއަން ހޯދުމަށް، ރާއްޖެއިން، އިންޓަނޭޝަން ކޯޓްސް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅައިފައެވެ.

އައިސީޖޭއަކީ ޔުނައިޓެޑް ނޭޝަންސް، އދ. ގެ ގާނޫނީ ކަންކަމުގައި ލަފާ ހޯދުމަށް ހުށަހަޅާ ކޯޓެވެ. އެ ކޯޓަކީ 193 ގައުމެއްގެ ބައިވެރިވުމާއެކު 1945 ވަނަ އަހަރު އުފެއްދި ކޯޓެކެވެ. ދޭދޭ ގައުމުތަކުގެ މެދުގައި ދިމާވާ މައްސަލަތައް ވެސް އެ ކޯޓަށް ހުށަހަޅައެވެ.

ފޮރިން މިނިސްޓްރީއާއި އެޓާނީ ޖެނެރަލް އޮފީސް ގުޅިގެން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެޑްވައިޒަރީ އޮޕީނިއަން ހޯދުމަށް އައިސީޖޭގައި އެދިފައިވަނީ ޔޫއެންގެ އާންމު މަޖިލީހުގެ 77 ވަނަ ޖަލްސާގައި ފާސްކުރި ގަރާރު 77/247 މެދުވެރިކޮށެވެ. ރާއްޖެއިން ވަނީ އެ ގަރާރަށް ތާއީދުކޮށް ވޯޓު ދީފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޕަލަސްތީނަށާއި އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ އަސްކަރީ ހަމަލާތައް، ރާއްޖެއިން ވަނީ ތަކުރާރުކޮށް ކުށްވެރިކޮށްފައެވެ.

އިސްރާއީލުން ޕަލަސްތީނަށް ދެމުންގެންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނާތަކާ ހިލާފު އަދި އދ. ގެ ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ)ގެ ރިޒޮލިއުޝަންތަކާ ހިލާފުކަމެއް ކަމަށާއި އިސްރާއީލުން ޕަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި އަމަން ގާއިމުކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅެމުންދާ ކަމަށް ވެސް ރާއްޖެއިން ބުނެފައިވެއެވެ.

ދިވެހިން ތިބީ ޕަލަސްތީނާއި އެގައުމުގެ ރައްޔިތުންނާއެކު ކަމަށާއި ޕަލަސްތީނުގެ މިނިވަންކަމަށް އެ ގައުމުގެ ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ރާއްޖެއިން އަބަދުވެސް ތާއިދުކުރާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެއެވެ.