މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރެވޭނީ 21 އަހަރަށް ކަމަށް ގަވާއިދުގައި ބަޔާންކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު" އާންމުކޮށްފައެވެ.
އެ ގަވާއިދުގައިވާ ގޮތުން އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ފަޅު ރަށްރަށް ދޫކުރާނ،ީ އެ ރަށެއް ނުވަތަ އެ ސިޓީއެއްގެ ކައުންސިލުންނެވެ. އަދި ފަޅު ރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސޯސްގައި ނުހިމެނޭ ފަޅު ރަށްރަށް ދޫކުރާނ،ީ ޕްލޭނިން މިނިސްޓްރީން ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ފަޅު ރަށްރަށް ދޫކުރާންވާނީ ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާންކޮށްގެން އެންމެ އެކަށީގެންވާ ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތަށް ކަމަށާއި ނުވަތަ ރަށުގައި ކުރަން ބޭނުންވާ ކަމަކާ ބެހޭ ތަފުސީލު ރިޕޯޓަކާއެކު ގަވާއިދުގައިވާ ގޮތުގެ މަތީން ހުށަހެޅުމުން، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައަޅާ ފަރާތަކަށެވެ. މީގެ އިތުރުން ސަރުކާރުގެ އިސްނެގެމަށް ފަޅުރަށެއް ބަލަހައްޓަން ވަކި ޝަރުތުތަކަކާއެކު ކައުންސިލަކާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް އެންގިދާނެއެވެ.
އެގޮތުގެ މަތިން ފަޅު ރަށްރަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 21 އަހަރުކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ނަމަވެސް ދައުލަތުގެ ބޭނުންތަކަށް ކަނޑައެޅިފައިވާ ރަށްރަށާއި، ސީދާ ސަރުކާރުން އެކިއެކި މަޝްރޫއު ހިންގާ ރަށްރަށާއި، ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުނިތަކުން އެކިއެކި މަސައްކަތް ހިންގާ ރަށްރަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ސަރުކާރާ ބައިވެރިވެގެން އެކިއެކި މަސައްކަތް ހިންގާ ރަށްރަށް އިސްތިސްނާވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިހުތިސޯސްގައި ނުހިމެނޭ ފަޅުރަށެއް ހޯދުމަށް ކައުންސިލަކުން ހުށަހަޅައިފިނަމަ އަމަލުކުރާނީ ރަށްތައް ދޫކުރުމުގައި ރިއާޔަތްކުރަން ޖެހޭނެ ކަންކަމަށް ކަމުގައި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ގަވާއިދުގެ ދަށުން ހަދާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފަޅުރަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށްޓަކައި މުއްދަތު ހަމަވުމުގެ 12 މަސް ދުވަހާއި 24 މަސްދުވަހާ ދެމެދުގެ މުއްދަތުގެ ތެރޭގައި، ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ދޫކުރެވިފައިވާ މުއްދަތު ޖުމުލަ 50 އަހަރު ދުވަހުގެ މުއްދަތަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން އިތުރުކުރުމުގެ އިހުތިޔާރު ފަޅުރަށް ދޫކުރާ
ފަރާތަށް ލިބިގެންވެއެވެ.
އެގޮތަށް 50 އަހަރަށް ފަޅުރަށް ކުއްޔަށް ދޫކުރެވޭނީ އެ ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް އެއްބަސްވެފައިވާ ޝެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސްފައިވާނަމަ އެވެ. މަސައްކަތް ކުރިއަށްދާ ކަމަށް ބަލާނީ މަސައްކަތުގެ 75 ޕަސަންޓް ފުރިހަމަވެފައިވާނަމަ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން އެ ރަށުގައި ކުރަންޖެހޭ މަސައްކަތުގެ ޖުމުލަ އަގުގެ 75 ޕަސަންޓް ފައިސާ މަސައްކަތަށް އިންވެސްޓް ކޮށްފައި ހުންނަންވާނެއެވެ.
- ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް، އެއްބަސްވެފައިވާ ޝެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސްފައިވުން އަދި އެގޮތުން މަސައްކަތުގެ ޝެޑިއުލުގެ މަދުވެގެން 65 ޕަސަންޓް ފުރިހަމަވެފައިވުން
- އިންވެސްޓްމަންޓް ގަންނަ ފަރާތުގެ ކިބައިގައި، ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް ހިންގުމުގެ ގާބިލުކަމާއި، ކުރަން ހުށަހެޅި އިންވެސްޓްމަންޓް ކުރުމުގެ ގާބިލުކަން ހުރުން
- ރަށާ ގުޅޭގޮތުން ނުވަތަ އެއްބަސްވުމުގެ ދަށުން ހަވާލުވާ ފަރާތުގެ ހައްގުތައް ރަހުނު ކުރެވިފައިވާނަމަ، ރަހުނު ކޮށްފައިވާ ފަރާތުން އިންވެސްޓްމަންޓް ވިއްކައިލުމަށް އިއުތިރާޒު ނުކުރާކަމުގެ ލިޔުމެއް ހުށަހެޅުން
- ހަވާލުވާ ފަރާތަށް ރައްދުވާ އެއްވެސް ދައުވާއެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެކަމަކަށް ޒިންމާވާނެކަމުގެ ގެރެންޓީ ދިނުން
- ގާނޫނުގައި ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފަށް ފަޅުރަށް ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް ރަށް ނުވަތަ ރަށުން ބައެއް ބޭނުންކޮށްފި ކަމުގައިވާނަމަ، އެއްބަސްވުމުގައި އެކަމުގައި ކަނޑައަޅައިފައިވާ ފިޔަވަޅުގެ އިތުރުން އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވޭ
- ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އިންވެސްޓްމަންޓް ވިއްކައިލައިފިނަމަ ނުވަތަ ދެވަނަ ފަރާތަކަށް ދޫކޮށްފިނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމާނާ ކުރުން
- ގާނޫނާއި ނުވަތަ މި ގަވާއިދާ ނުވަތަ ކަމާ ގުޅޭގޮތުން އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އަމަލެއް ކޮށްފިކަމުގައިވާނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމާނާކުރުން
ކުއްޔަށް ދޫކޮށްފައިވާ ފަޅު ރަށުގައި ހިންގި އަމަލަކީ ގާނޫނާއި ނުވަތަ ގަވާއިދާ ހިލާފު ޖިނާއީ ކުށެއް އެކުލެވިގެންވާ އަމަލެއްނަމަ ކަމާ ގުޅުންހުރި ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތީން ކަމާބެހޭ
ފަރާތްތަކަށް ފަޅުރަށް ދޫކުރާ ފަރާތުން މައްސަލަ ހުށަހަޅަންވާނެއެވެ.
"މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު" ގައިވާ ގޮތުން ފަޅު ރަށެއް ކުއްޔަން ދިންކަމުގެ އެއްބަސްވުން ބާތިލުކުރެވޭނީ ރާއްޖޭގެ ދިފާއަށް ބޭނުންވެއްޖެ ހިނދެއްގައި އަދި ރަށު ކައުންސިލަށް އެ ރަށް ނަގަން ޖެހިއްޖެ ހާލަތެއްގައި އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު