ބ. ދަރަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ޖުމުލަ 55.48 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖެނުއަރީ 25 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމަން ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.
އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އާދީއްތަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށްވެސް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 30,504 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި ކުރީގެ ފަޅު އަލުން ފުންކުރުމާއި 4،126 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ރޭމްޕް އޭރިއާ ފުންކުރުމާއި 2،301 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 352 މީޓަރުގެ ސަރަަހައެއްގައި ބޭރުތޮށި ލުމާއި 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 248 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ.
އޭގެ އިތުރުން 24 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 10 މީޓަރު ދިގު ނުވަ މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 140 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި 2،104 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޚަބަރު
ޚަބަރު