ޖުމްހޫރީ ޕާޓީ (ޖޭޕީ) އިސްވެ އޮވެ މޯލްޑިވްސް ރީފޯމް މޫމަންޓް (އެމްއާރްއެމް) އާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފަށައިފިއެވެ.
އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ ލީޑަޝިޕުގެ ބައެއް ބޭފުޅުން މިއަދު ވަނީ ޖޭޕީގެ ހެޑްކުއާޓާސް، މ. ކުނޫޒުގައި ޖޭޕީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ގާސިމުގެ ކެމްޕޭން މެނޭޖަރު އަމީން އިބްރާހިމް ވިދާޅުވީ, އެ ބައްދަލުކުރެއްވުމުގައި ދެ ޕާޓީގެ ސިޔާސަތުތަކާއި ގަބޫލުކުރާ ގަބޫލުކުރުންތަކުގައި ހުރި އެއްގޮތް ކަމާއި ތަފާތުތައް އެއް ސަފުހާއަކަށް ގެނައުމަށް މަޝްވަރާ ކޮށްފައިވާ ކަމަށާއި އެމްއާރްއެމް އާއެކު މަސައްކަތް ކުރުމުގެ ރެކޯޑެއް ޖޭޕީގެ އެބަ އޮތް ކަމަށެވެ.
އަމީން ވިދާޅުވީ، ޕާޓީތަކަށް އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރުމުގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ކަމަށާއި ނަމަވެސް އެ ޕާޓީން ކެންޑިޑޭޓަކު ނެރެފައިވާތީ، މަޝްވަރާކުރަން ދެން އަންނާނީ ޖޭޕީގެ ކެންޑިޑޭޓެއްގެ ފަހަތަށް އަރާނެ ބަޔަކު ކަމަށެވެ.
"ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް, ކެންޑިޑޭޓެއްގެ ގޮތުގައި އިއުލާންކޮށް ޓިކެޓު އަރުވައި ހުރިހާ ކަމެއް ނިމިފައި މި އޮތީ. އުންމީދު ކުރަނީ އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކުރައްވާނެ ބޭފުޅުން ކަމަށް އެކުގައި ކުރިއަށް ދިއުމުގެ ވާހަކަ ދައްކައިގެން, އެއް ޕޭޖަކަށް އާދެވޭ ގޮތަށް ވިސްނުން ބައްޓަންކުރަން ވާހަކަދައްކާނީ. ނަމަވެސް މިކަމުގައި އަދި ގޮތެއް ނިންމަން އަދި ވަގުތުކޮޅެއް ބޭނުންވާނެ" އަމީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޖޭޕީން މެނިފެސްޓޯވެސް ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި ނަމަވެސް ޕާޓީތަކާއެކުގައި ކުރާ މަޝްވަރާތަކުގެ އަލީގައި މެނިފެސްޓޯއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުން އަންނާނެ ކަމަށެވެ.
އެމްއާރްއެމުން ޖޭޕީ އާއެކު މަޝްވަރާތައް ފަށާފައި މިވަނީ، އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ރިޔާސީ ރޭހަށް ނެރުމުގެ ތައްޔާރީތައް އެ ޕާޓީން ވާން ފަށާފައިވަނިކޮށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ފާރިސް އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އެކަމުގެ ތައްޔާރީތައް ވަމުން އަންނަކަން އޭނާވެސް ކަށަވަރުކޮށްދެއެވެ.
ޖޭޕީ ބައްދަލުވުމަށްފަހު ފާރިސް ވިދާޅުވީ، ޖޭޕީ އާއެކު މިއަދު ކުރި މަޝްވަރާތަކުގައި ވަރަށް އުއްމީދީ މަންޒަރެއް ފެނިގެން ހިނގައްޖެ ކަމަށެވެ.
"މިއަދު މި ކުރެވުނު މަޝްވަރާތަކުގައި ވަރަށް އުންމީދީ މަންޒަރެއް އެބަ ފެނިގެންދޭ. ހަމަ އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި އެކުގައި މަސައްކަތްކުރާ ބަޔަކު އެކުގައި މަސައްކަތް ކުރެވޭނެ ހާލަތަށް އައުމަށްޓަކައި އެންމެ އިސްކަންދެނީ ދިވެހި ރައްޔިތުން، ދިވެހި ގައުމު އެދޭ އިސްލާހީ ބަދަލުތައް ގެނައުން." ފާރިސް ވިދާޅުވިއެވެ.
އެމްއާރްއެމާއި ޖޭޕީން ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް މިއަދު ފަށާފައިވާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރުމަށް ޖޭޕީއާއި ދަ ޑިމޮކްރެޓްސް އަދި އެމްއެންޕީން ވަނީ އެއްބަސްވެފައެެވެ.
ޚަބަރު
ޚަބަރު
ޚަބަރު