ރައްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އާ އިމާރާތް ހެދުމަށް ހުޅުމާލެއިން 211 މިލިއަން ރުފިޔާއަށް ބިމެއް ގަނެފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެމްއެމްއޭ އިން މު މުއާމަލާތް ހިންގާފައިވަނީ ސިވިލް ކޯޓު މެދުވެރިކޮށެވެ.
އެމްއެމްއޭ އިން ގަނެފައިވަނީ، އެޗްޑީސީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލެ އަމިއްލަ ބިމުގެ ސަރަހައްދުގައި ހިމެނޭ ހުޅުމާލެ ލޮޓް ނަންބަރު 11747 ގޯތީގެ 43،401.12 އަކަފޫޓުގެ ބިމެކެވެ.
އެމްއެމްއޭގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، އެ ބިން ގަނެފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފެރީ ޓާމިނަލް ސަރަހައްދުން ކަމަށެވެ. އަދި އެ ތަނުގައި ހަދާ ބިލްޑިންގެ ޑިޒައިން މަސައްކަތް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްއެމްއޭ 1981 ވަނަ އަހަރު ވުޖޫދުވެގެން އައި އިރުވެސް އެ އިދާރާގެ ރަސްމީ އިމާރާތެއްގެ ގޮތުގައި ބޭނުންކުރަމުންދިޔައީ މަޖީދީ ބިލްޑިންއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި މަޖީދީ ބިލްޑިން ތަޅާލުމަށްފަހު، އަލުން އިމާރާތްކޮށް އަލުން އެތަނަށް ބަދަލުވީ 2008 ވަނަ އަހަރުއެވެ.