ވަރި ވާން ދިޔަ އަންހެނަކަށް ގުޅައި ޒާތީ މެސެޖުތަކެއް ކުރި ކަމަށް ތުހުމަތުވާ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑުކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ހަމަ އެ ބާވަތުގެ އެހެން މައްސަލައަކާ ގުޅިގެން މިއަހަރުގެ މެއި 25 ދުވަހުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި އަލީ އާދަމް ވަނީ ސަސްޕެންޑުކޮށްފައެވެ. މިއަދު ޖޭއެސްސީން ވަނީ އަލީ އާދަމް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުވެސް ކޮށްފައެވެ.
ޖޭއެސްސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އަލީ އާދަމް، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް އިއުތިރާފުވެފައިވާތީ އޭނާ މެޖިސްޓްރޭޓުގެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
"އަލީ އާދަމް، ދައާވާގައި ހިމެނޭ ހަސްމަކަށް ގުޅައި މެސެޖުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަހުމަތްތެރިކަން ބާއްވަން ހުށަހަޅައި، ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހައި، މި ނޫންވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް އަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން، ތަހުގީގަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުން އަދި އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ އިއުތިރާފުން ސާބިތު ވާތީއާއި އިސްމެޖިސްޓްރޭޓް އަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާ އިރު، އިސްމެޖިސްޓްރޭޓް އަލީ އާދަމް މަސައްކަތްކޮށްފައިވަނީ ނުނިޔަތެއްގައި ނުރަނގަޅު މަގުސަދެއް އޮވެގެންކަން ސާބިތުވޭ،" ޖޭއެސްސީން ބުންޏެވެ.
އަލީ އާދަމްގެ އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާ ހިލާފު އަމަލުތަކެއްކަން ސާބިތުވާތީ، ފަނޑިޔާރުކަމުގެ މަގާމުން އަލީ އާދަމް ވަކިކުރުމަށް ޖޭއެސްސީގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް މިއަދު ނިންމައިފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު