އަބަދުވެސް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި ކަމަށް ވިދާޅުވެ، އެމަނިކުފާނު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ލޯންޗުކުރުމަށް ޑިމޮކްރެޓްސްގެ ހަރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި އިލްޔާސް ވިދާޅުވީ، "އަޅުގަނޑުގެ ސިޔާސީ ޓީޗަރަކީ، އަޅުގަނޑުގެ މުދައްރިސަކީ ރައީސް ނަޝީދު، އެބޭފުޅާގެ ފަހަތުގައި އަޅުގަނޑު ކުރިއަށް މިދަނީ އަދި ދެންވެސް ދާން އޮތީ އެބޭފުޅާގެ ފަހަތުގައި،" ކަމަށެވެ. އަދި އެބޭފުޅާގެ މައްޗަކަށް އެރޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުރީގެ ދެ އެކުވެރިން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގާތްކަން ފާހަގަކުރައްވައި އިލްޔާސް ލަބީބު ވިދާޅުވީ، އޭނާ އަކީ ރައީސް ނަޝީދާ އެހާ ގާތް މީހަކަށް ނުވެދާނެ ކަމަށެވެ. ނަމަވެސް، މިހާރު ފެންނަމުންމިދާ މަންޒަރަކީ ރައީސް ސޯލިހު، ރައީސް ނަޝީދަށް ބޭވަފާތެރިވުމުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން "އެހާ ބޭވަފާތެރިވީމާ، އެހާ ނުލަފާވީމާ ވެފައި އޮތްގޮތް، މިއަދު މަރަށް ތެޅެނީ، ސަލާމަތެއް ނެތް،" ކަމަށްވެސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ އޭނާ ރިޔާސީ އިންތިހާބަށް ނުކުންނަވަނީ، ރައްޔިތުން ބޭނުންވާ ކަންކަން އެ ރައްޔިތުންނަށް ހާސިލުކޮށްދިނުމަށް ކަމަށެވެ. އެކަމަށްޓަކައި ކުރެވޭނެ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، "އަޅުގަނޑުމެން އެކީ ނުކުމެ މި ރާއްޖެ ބަދަލުކުރަން ހިފާފައި މިތިބީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން އަޅުގަނޑުމެން ސެޕްޓެމްބަރު ނުވަވަނަ ދުވަހު ނިންމާލަނަން،" ކަމަށެވެ.
މި ބައްދަލުވުމުގައި އިލްޔާސް ލަބީބް ވަނީ އާންމު މެންބަރުން، އެކި ކަންކަމާ ބެހޭގޮތުން ކުރެއްވި ސުވާލުތަކަށްވެސް ޖަވާބު ދެއްވައިފައެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އިރު، ޕްރައިމަރީއަށް ކުރިމަތިލެއްވީ އިލޔާސް ލަބީބް އެކަންޏެވެ. އެހެންކަމުން ޕާޓީގެ އަަސާސީ ގަވާއިދުގައިވާ ގޮތުން ޕްރައިމަރީގައި އޮންނާނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ.
'ދަ ޑިމޮކްރެޓްސް' ގެ އަސާސީ ގަވާއިދުގެ 124 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ، ރިޔާސީ ޕްރައިމަރީއަށް އެއް ކެނޑިޑޭޓަކު އެކަނި ކުރިމަތިލައިފި ހާލަތެއްގައި ފެންނަ ނުފެންނަ ކަމުގެ ވޯޓެއް ޕާޓީގެ މެންބަރުންގެ މެދުގައި ނަގައި، އެ އިންތިހާބުގައި ފެންނަ ކަމުގެ 10 ޕަސެންޓް ވޯޓު އެމީހަކަށް ލިބިއްޖެނަމަ އެމީހަކީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަމުގައި ކަނޑައަޅަން ވާނެ ކަމަށެވެ.
އަސާސީ ގަވާއިދުގެ 125 ވަނަ މާއްދާގައި ބުނަނީ، ކެނޑިޑޭޓުގެ ރަނިންމޭޓުގެ ގޮތުގައި ކަނޑައަޅާނެ ފަރާތެއް ނިންމާނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު