އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގައި ދައުވާކޮށްފައިވާ ސަން ކުންފުނިތަކުގެ ވަކީލުން އެހެން ޝަރީއަތަކަށް މިއަދު ހާޒިރުވާން ޖެހޭތީ، ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ޝަރީއަތް ނުބޭއްވި ކެންސަލް ކޮށްފިއެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާ ކުރެއެވެ. އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ މއ. ކުރިކީލަހިޔާ/ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާއިރު، ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފައެވެ. އޭގެ ތެރެއިން ކްރިކް ރިޒާގެ ބައި، ދައުލަތުން ވަނީ ވަގުތީ ގޮތުން އަނބުރާ ގެންގޮސްފައެވެ.

އެ މައްސަލައިގައި މިއަދު ތާވަލުކޮށްފައިވަނީ އޮތީ ދައުލަތުގެ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް ދިފާއީ ވަކީލުންނަށް ހާޒިރުނުވެވޭތީ ވަނީ ކެންސަލްކޮށްފަ އެވެ.

"ސަން ކުންފުނިތަކުގެ ދިފާއީ ވަކީލުން އެހެން މައްސަލައަކަށް ހާޒިރުވާން އޮތީމުން އެ ބޭފުޅުންނަށް ހާޒިރުނުވެވޭތީ މިއަދުގެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ،" މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމްގެ ސެކްޝަނުން "ވަން" އަށް މިއަދު ބުންޏެވެ.

ހެކިބަސް ނުނެގި އޮތް ދެ ހެކިވެރިންގެ ހެކިބަސް ނެގުމަށް މިދިޔަ ބުރާސްފަތި ދުވަހު ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް އެ ދުވަހުވެސް ހެކިބަސް ނެގޭ ގޮތް ވަނީ ނުވެފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށް ޓަކައި ފަށަލަކޮށްފައެވެ.

އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތްކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.