އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ބޭއްވުމުގެ ފުރުސަތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދީ، އެކަން އިއުލާންކޮށްފިއެވެ.
އެކަން އިއުލާންކޮށްފައިވަނީ އެމެރިކާގެ ސެންފްރެންސިސްކޯގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މިއަހަރުގެ ކޮންގްރެސް އިވެންޓެއްގެ ތެރެއިންނެވެ. އެ އިވެންޓުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވަނީ ކޮންގްރެސްގެ ބައިވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށާއި ރާއްޖޭގެ އެވިއޭޝަން އިންޑަސްޓްރީ ބައްލަވައިލެއްވުމަށް ދައުވަތު ދެއްވައިފައެވެ. މިއީ އޭވިއޭޝަން ދާއިރާއިން، ބައިނަލްއަގުވާމީ މިފަދަ ޝަރަފުވެރި އަދި ބޮޑު ހަރަކާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ އަންނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އޭވިއޭޝަން ދާއިރާގެ މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރެވި، ދުނިޔޭގެ ވައިގެ ހުދުމަތުގެ ކުރިއެރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ޕްލެޓްފޯމެއް ލިބިގެންދާނެ ކަމަށެވެ. އަދި އިންޑިއާ ކަނޑު ދުނިޔޭގެ އެކި ހިސާބުތަކަށް ގުޅުވައިލަދޭ، މައި ހަބެއްގެ ހައިސިއްޔަތުން، ރާއްޖޭގައި އޭވިއޭޝަން އިންޑަސްޓްރީގެ ވާހަކަތައް ދެއްކުމަށް މަގުފަހިކޮށްދިނުމަކީ ވީއައިއޭއަށް ލިބުނު ޝަރަފެއް ކަމަށް ބުންޏެވެ.
ރާއްޖޭގައި ބޭއްވޭ އެ ކޮންގްރެސްގެ ތެރެއިން، ކޮންގްރެސްގެ ބައިވެރިންނަށް ވައިގެ ހިދުމަތްދިނުމުގެ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތުފަހިވެގެން ދިއުމުގެ އިތުރުން، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމަށާއި އެ މުޢާމަލާތްތަކުގެ ސަބަބުން، ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކަށް ދަތުރުކުރާނެ އެއާލައިންތައް އިތުރުކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ، އަދި އެއާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސާދަށް އަދި މުޅި ވައިގެ ހިދުމަތް ކުރިއެރުމަށް އާ ވިސްނުންތަކާއި، އީޖާދީ ގޮތްތައް ހޯދުމުގެ މަގުތައް ފަހިވެގެންދާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އޭގެ އިތުރުން، އެ ކޮންގްރެސް މެދުވެރިކޮށް ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަން ތަޖުރިބާކުރުމުގެ ފުރުސަތު މަންދޫބުންނަށް ފަހިވެގެންދާ އިރު، ރާއްޖޭގެ ރަށްތަކުގެ ރީތިކަން އަމިއްލައަށް ވަޒަންކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށާއި އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް ލިބިގެންދާ ފަހި ފުރުސަތެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެ ކޮންގްރެސް ވީއައިއޭ އިން ހޮސްޓްކުރުމާ ގުޅޭގޮތުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވިދާޅުވީ، އޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް އެ ކުންފުނިން ކުރާ މަސައްކަތަށް މި މުހިންމު ހަރަކާތުން އަލިއަޅުވާލެވިގެންދާނެ ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި އެ ކުންފުންނަށް އިންފްރާސްޓްރަކްޗާ ބަދަލުކޮށް އޮޕަރޭޝަނަލް ކެޕޭސިޓީ ފުޅާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.
"އާ ސީޕްލޭން ޓާމިނަލް ތަރައްގީ ކުރުން ފަދަ ޕްރޮޖެކްޓްތަކުން ފެށިގެން އާ ކޯޑް އެފް ރަންވޭއެއް އެޅުމާއި އެހެނިހެން ވަސީލަތްތަކާއެކު، ފަސިންޖަރުންނާއި އެއާލައިންތަކުގެ ބޭނުންތައް ފުއްދުމަށްޓަކައި އަޅުގަނޑުމެންގެ ހިދުމަތްތައް އަބަދުވެސް މިދަނީ ހަރުދަނާކުރަމުން. މި ކޮންގްރެސްގެ ސަބަބުން އަޅުގަނޑުމެންނަށް މި ކުރިއެރުންތައް ދައްކުވައިދީ، ބައިނަލްއަގުވާމީ އެއާލައިންތަކާއެކު ގުޅުން ބަދަހިކުރުމަށް އަގުހުރި ފުރުސަތުތައް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
މަހްޖޫބު ޝުޖާއު އިތުރަށް ވިދާޅުވީ އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ގެ ސަބަބުން ވީއައިއޭގެ ކުރިއެރުމުގެ ވާހަކައިގެ އާ ބާބެއް އުފެދި، މި ސަރަހައްދުގެ ލީޑިން އެއާޕޯޓް އޮޕަރޭޓަރެއްގެ ހައިސިއްޔަތުން އެ ކުންފުންޏަށް މަގު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 އަށް މަންދޫބުންނަށް މަރުޙަބާ ދެންނެވުމަށާއި، އެ ކޮންގްރެސްއަކީ ކާމިޔާބު ކޮންގްރެސްއަކަށް ހެދުމަށް އެމްއޭސީއެލުން އަންނަނީ ތައްޔާރުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު