ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވެރިކަމަށް ގެނައުމަށްޓަކައި އެ ޕާޓީން ފަށާ ދޮރުން ދޮރަށް ކެމްޕެއިން މިއަދު މާލޭގައި ފަށައިފިއެވެ.
އެކަމަށްޓަކައި ޖޭޕީގެ މައި ހަރުގެ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ނައިބު ލީޑަރު އަހުމަދު ސައުދު ވިދާޅުވީ، ވެރިކަމެއް އަދި ބާރެއް ނެތް އިރުވެސް، 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް، ޖޭޕީ އަކީ އިލެކްޝަންސް ކޮމިޝަނުން ބުނާ އަދަދަކަށް އަބަދުވެސް މެންބަރުން ތިބި ޕާޓީއެއްގެ ގޮތުގައި ބަލެއް ނުވެ، މިހާތަނަށް އޮތުމަކީ ގާސިމް އިބްރާހިމްގެ ފިކުރު ރައްޖޭގައި ދެމި އޮތްކަމުގެ ހެތްކެއް ކަމަށެވެ. އަދި މިހާތަނަށް އެ ޕާޓީ އޮތީ، އަބަދުވެސް ވެރިކަމަށް އަންނަ ފަރާތްތަކަށް އެހީތެރިވެ، ކިންގް މޭކާ ޕާޓީއެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް "މި ފަހަރު މިއީ ކިންގް މޭކާ، ކިންގަކަށް ހަދާނެ ފަހަރެއްގެ ގޮތުގައި، އުއްމީދާ އެއްކޮށް ނުކުތް ފަހަރު ކަމަށާއި ހާސްކަން ކަނޑާލަން ނުކުތް ފަހަރު،" ކަމަށްވެސް ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ، މި ކެމްޕެއިންގައި، ޖޭޕީގެ ޓީމުން މުޅި ރާއްޖެ އެކުގައި، މާލޭ ހިމެނޭ ގޮތަށް ވަދެވޭ ހުރިހާ ގޭގެއަކަށް ވަންނާނެ ކަަމަށެވެ. މި ކެމްޕެއިންގައި މަސައްކަތް ކުރާނީ ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ފިކުރާއި މެސެޖު އަދި ޕާޓީގެ މެނިފެސްޓޯގައި ހުރި ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ މަޝްވަރާކުރުމަށްފަހު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އެއް ކެންޑިޑޭޓް ނެރުމަށް އެއްބަސްވެފައެވެ. ނަމަވެސް އެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ހެދުމަށް ޕީޕީއެމުން ވަނީ ގޮވާލައިފައެވެ.
އެމްއެންޕީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކީ ނާޒިމެވެ. އަދި ދަ ޑިމޮކްރެޓްސް އިން ވެސް ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީން ވަނީ އަންނަ ހުކުރު ދުވަހު ޕްރައިމަރީއެއް ބޭއްވުމަށް ނިންމައިފައެވެ. އެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުއްވީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު