މިމަހުގެ 20 އިން 27 އަށް މޮރިޝަސްގައި ކުރިއަށްދާ އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ ފިރިހެން ޑަބަލްސް ޕެއާ މުހައްމަދު އަޖްފާން ރަޝީދާއި ނިބާލް އަހުމަދު އަދި އަންހެން ޑަބަލްސް ޕެއާ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގު (ނަބާ) އާއި އައިމިނަތު ނަބީހާ އަބްދުލް ރައްޒާގު (ނަބީ) ދަތުރުކޮށްފިއެވެ.
ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ ފަހުކޮޅު މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެވެ. އެ ގޭމްސްއަށް މޮރިޝަސް މުބާރާތް މުހިންމުވެސް މެއެވެ. އިއްޔެއާއި އޭގެ ކުރީ ދުވަހުވެސް ރާއްޖޭގެ ކުޅުންތެރިން މުބާރާތުގެ މެޗުތައް ކުޅެފައިވާ އިރު، އެންމެ ފުރަތަމަ ދުވަހު ކުޅުނީ ސިންގަލްސް މެޗުތަކެވެ.
ފިރިހެން ސިންގަލްސްގައި ޗައިނީސް ޓައިޕޭގެ ކުއޯ-ލީޗުން އަތުން އަޖްފާން 21-6، 21-10 އިން ބަލިވި އިރު، ފިރިހެން ސިންގަލްސް ކޮލިފިކޭޝަން ބުރުގައި ތޯއިފް އަހުމަދު ކުޅުނު މެޗުގައި ޔޫއޭއީގެ ސޯމީ ރޮމްދާނީ އަތުން ބަލިވީ 21-9، 21-13 އިންނެވެ. ނިބާލް ކުޅުނު ސިންގަލްސް ކޮލިފިކޭޝަން މެޗުގައި އިންޑިއާގެ ތަރޫން ރެޑީ ކަތަމް އަތުން ބަލިވީ 21-8، 21-15 ގެ ނަތީޖާއަކުންނެވެ. ހުސައިން ޒަޔާން ޒަކީ ކުޅުނު ކޮލިފިކޭޝަން މެޗުގައި މޮރިޝަސްގެ ވައިޝްނޯވް ރުސެއާން އަތުން މޮޅުވީ 21-7، 21-2 ގެ ނަތީޖާއަކުންނެވެ.
އަންހެން ސިންގަލްސް އިވެންޓުގެ ކޮލިފިކޭޝަންގައި ރާއްޖޭގެ ނަބާހާ ކުޅުނު މެޗުގައި އިންޑިއާގެ މެގާނާ ރެޑީ މަރެޑީ އަތުން ބަލިވީ ފުރަތަމަ ސެޓު 21-14 އިން ނަބާހާ ގެންގޮސްފައި ވަނިކޮށެވެ. ފަހު ދެ ސެޓު އިންޑިއާ ކުޅުންތެރިޔާ ގެންދިޔައީ 21-6 އަދި 21-9 އިންނެވެ. އަންހެން ސިންގަލްސް ކޮލިފިކޭޝަން އިވެންޓުގައި އައިޝަތު އަފްނާން ރަޝީދު ކުޅުނު މެޗުން 21-9، 21-7 އިން ބަލިވި އިރު، ގަދަ 32 ގެ ކޮލިފިކޭޝަންގައި އައިމިނަތު ޝަހުރުނާޒު ކުޅުނު މެޗުން ބަލިވީ 10-21، 8-21 އިންނެވެ.
ފިރިހެން ސިންގަލްސް ފުރަތަމަ މެޗު ކާމިޔާބުކުރި ޒަޔާން ގަދަ 32 ގެ ކޮލިފިކޭޝަން މެޗުގައި ބަލިވީ އިންޑިއާގެ ހެމަންތު އެމް ގޯޑީ އަތުންނެވެ. އެއީ މުބާރާތުގެ އަށްވަނައަށް ސީޑް ކޮށްފައިވާ ކުޅުންތެރިޔާއެވެ. އޭނާ އަތުން ޒަޔާން ބަލިވީ 9-21 އަދި 12-21 އިން ސެޓުތައް ގެއްލިގެންނެވެ. ނަބީހާއާއި މައިސާ ފަތުހުﷲ އަށް ގަދަ 32 ގެ ކޮލިފިކޭޝަން މެޗުތައް ވޯކް އޯވާގައި ލިބިފައިވާ އިރު، އަނެއް ބުރުގައި ކުޅުނު މެޗުން މައިސާ ބަލިވީ ތުރުކީގެ ވަރުގަދަ އޮޒްގޭ ބޭރަކު އަތުން 21-9، 21-9 އިންނެވެ.
އޭގެ އިތުރުން ނަބީހާ ގަދަ 32 ގައި ކުޅުނު މެޗުގައި ބަލިވީ ފިލިޕީންސްގެ ތަލޫލާ ޝާލީން ކައިރިން 21-13 އަދި 21-9 އިން ސެޓުތައް ގެއްލިގެންނެވެ.
ފިރިހެން ޑަބަލްސް ގަދަ 32 ގައި ނިބާލްއާއި އަޖުފާން ފުރަތަމަ ކުޅުނު މެޗުގައި މޮރިޝަސްގެ ކެމްޓިޝް ރައި ނުންޑާއާއި ލޫކަސް ޑައުސް ބަލިކުރީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު ރާއްޖެ ޕެއާއިން 21-16 އިން ގެންދިޔަ އިރު، ދެވަނަ ސެޓު މޮރިޝަސްގެ ޕެއާއިން 21-9 އިން ގެންގޮސް މެޗު އެއްވަރުވިއެވެ. ތިންވަނަ ސެޓުގައި ނިބާލާއި އަޖްފާން ސެޓުތައް ގެންދިޔައީ 18-21 އިންނެވެ.
އެ މެޗުން މޮޅުވެ ނިބާލާއި އަޖްފާން ގަދަ 16 އަށް ދަތުރުކޮށް، ސީދާ ދެ ސެޓުން ޒެމްބިއާގެ މަބޯ ޑޮނާލްޑާއި ވީރަޕަންޑީ ޖެޔަރާމަން ބަލިކުރީ 21-7، 21-12 އިން ސެޓުތައް ގެންގޮސްގެންނެވެ.
އަންހެން ޑަބަލްސް ގަދަ 16 ގައި މައިސާއާއި އަފްނާންގެ ޕެއާއިން ކުޅުނު މެޗުގައި މެލޭޝިއާގެ ހޯ ލޯ އީއާއި އަމާންޑާ ވާ ލެން އަތުން ސީދާ ދެ ސެޓުން ބަލިވި ނަމަވެސް، ނަބީހާއާއި ނަބާހާ ވަނީ ސީދާ ދެ ސެޓުން މޮރިޝަސްގެ ތިޔާ ބުރުތުންއާއި ލޭނާ ލަކްސްމީ ޗީނިއާ ބަލިކޮށްފައެވެ. ނަބީހާއާއި ނަބާހާ ސެޓުތައް ގެންދިޔައީ 21-10، 21-15 އިންނެވެ.
މިކްސް ޑަބަލްސްގެ ގަދަ 16 ގައި ޒަޔާނާއި ނަބާހާގެ ޕެއާއިން ޗައިނީސް ޓައިޕޭގެ ކުއޯ ލީ-ޗުންނާއި ލީ ޔު-ސުއަން ގެ ޕެއާއާ ދެކޮޅަށް ނުކުމެ ބަލިވީ ސީދާ ދެ ސެޓުންނެވެ.
މިއަދު ކުއާޓާ ފައިނަލް މެޗުތައް އޮންނަ އިރު، ނަބާހާއާއި ނަބީހާ ނުކުންނާނީ މެލޭޝިއާގެ ސްރިވެދްޔާ ގުރަޒާޑާއާއި އިޝިކާ ޖައިސްވާލްއާ ދެކޮޅަށެވެ. އެއީ އަންހެން ޑަބަލްސްގެ އެއްވަނައަށް ރޭންކް ކޮށްފައިވާ ޓީމެވެ. ނިބާލާއި އަޖްފާން ނުކުންނާނީ ފިރިހެން ޑިބަލްސްގެ ތިންވަނައަށް ރޭންކް ކޮށްފައިވާ އިންޑިއާގެ ޕެއާއާ ދެކޮޅަށެވެ. އެއީ އަޗުޓަޑްޔާ ރާއޯ ޑޮޑަވަރަޕޫ އާއި ވެންކަޓާ ހަރްޝާ ވަންރްދެން ރަ ވީރަމްރެޑީގެ ޕެއާއެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން