އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓް ސިންގަޕޫރުން ހިފެހެއްޓި ވާހަކަ އޭނާ ދޮގުކުރައްވައިފިއެވެ.

ސިންގަޕޫރުން މިރޭ ރާއްޖެ ވަޑައިގެން ވީއައިޕީ ލައުންޖުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ އޭނާ ސިންގަޕޫރަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ގައުމުން ނުފުރޭނެ ގޮތެއް ނުވަތަ އޭނާ ބަންދުކޮށްފައިނުވާ ކަމަށެވެ.

"މި ފަހަރު ސިންގަޕޫރަށް އަޅުގަނޑު ގޮސްފައި އުޅުނުއިރުގައި އެއްވެސް ވަރަކަށް އަޅުގަނޑުގެ ޕާސްޕޯޓް ހިފަހައްޓާ، ނޫނިއްޔާ ސިންގަޕޫރުގެ ބަންދުކޮށް ނޫނީ ސިންގަޕޫރުން ނުފުރޭނެ ގޮތެއް ހަދާފައެއް އެއްގޮތަކަށްވެސް ނެތް. އަޅުގަނޑު އެނގޭކަމެއްވެސް ނޫން ތީކީ. އަޅުގަނޑަށް ތި ހަބަރު ލިބުނީ ހަމަ މީޑިއާތަކުގެ ހެޑްލައިނުން އަޅުގަނޑަށްވެސް ފެނުނީ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ނޫސްވެރިން މަސައްކަތް ކުރަންވާނީ ޒިންމާދާރު ކަމާއެކު ކަމަށާއި ޕާސްޕޯޓް ހިފެހެއްޓި މައްސަލާގައި ނޫސްވެރިން އޭނާއަކަށްވެސް އަދި އޭނާގެ ކުންފުންޏަށް ގުޅައި މައުލޫމާތު ސާފުކޮށްފައިނުވާ ކަމަށެވެ. ސިޔާމް ވަނީ އެ ދޮގު ވާހަކަ ފެތުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް އިން ކަމަށް ތުހުމަތުކޮށްފައެވެ.

ސިޔާމް ވިދާޅުވީ އޭނާގެ ކުންފުނިން ހިލްޓަންއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ސަރުކާރުން ދެއްކުމަށް އެއްބަސްވެފައި ނުވާނެ ކަމަށާއި ހިލްޓަންއަށް ފައިސާ ދައްކާނީ އޭނާ ކަމަށެވެ. އަދި އެއީ ސަރުކާރުން ކުރަންޖެހޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.