ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ބަންދުގެ މުއްދަތު އިއްޔެ ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން މަންޑޭ ހައްޔަރުކޮށްފައި ވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. ފުލުހުން އޭނާގެ މައްޗަށް ކުރަނީ އަދުލު އިންސާފަށް ހުރަސް އެޅުމުގެ ކުށުގެ ތުހުމަތެވެ. މީގެ އިތުރުން އޭނާއާ ގުޅުންހުރި ފްރޯޑުގެ މައްސަލައެއްވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހު ހަވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

އެ މުއްދަތު ހަމަވާތީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފައެވެ.

ބަންދު މަޖިލީހުގައި ފުލުހުން ވަނީ މަންޑޭ ހެކި ނައްތާލަފާނެ ކަމަށް އަދި ފިލައިފާނެ ކަމަށް ބެލޭވޭ ކަމަށް ބުނެފައެވެ. އެގޮތުން މައްސަލައިގެ ހެކި ފޮރުވުމަށް މަންޑޭ މަސައްކަތް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި މަންޑޭގެ އޮފީސް ބަލައިފާސްކުރި އިރު، ބައެއް ކޮމްޕިއުޓަރުތަކާއި މައްސަލައާ ގުޅުންހުރި ބައެއް އެގްރީމެންޓުތައް މަދު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން މަންޑޭގެ ބަންދުގެ މުއްދަތު އިތުރުކޮށްދިން އިރު، އޭނާގެ ޕަސްޕޯޓޫ ދޫކޮށްލުމަށް މި މަހުގެ ހަތަރުވަނަ ދުވަހު ވަނީ އަމުރުކޮށްފައެވެ. އެ އަމުރު ދައުލަތުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅީ މި މަހުގެ ހަވަނަ ދުވަހުއެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫއެވެ. ކުންފުނީގައި އޭނާގެ 95 ޕަސެންޓް ހިއްސާ އޮންނަ އިރު، މަންޑޭގެ އޮންނަނީ ފަސް ޕަސެންޓުގެ ހިއްސާއެވެ.

ހަންބޯއިން އިން ވަނީ ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން މަންޑޭ ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާތީ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.