ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނިއު ރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަލީ ވަހީދު، އަމިއްލަ ފުޓްބޯޅަ ކްލަބެއް ހަދަން ނިންމައި އެ ކްލަބުގެ މައުލޫމާތު ރޭ ހާމަކޮށްފިއެވެ.

ދެ އަހަރަށްވުރެ ގިނަ ދުވަހު އަމިއްލައަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ހުންނެވުމަށްފަހު ޖުލައި 11 ވަނަ ދުވަހު ރާއްޖެ ވަޑައިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ފުޓުބޯޅައަކީ އަބަދުވެސް ޕެޝަންއެއް ކަމަށާއި މި ވަގުތުވެސް އެންމެ ބޮޑު ޝައުގެއް ހުރީ ފުޓުބޯޅައަށް ކަމަށެވެ. އަދި މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ފުޓުބޯޅައިގެ ހާއްސަ ޕްލޭން އިއުލާންކުރާނެ ކަމަށްވެސް އެ ދުވަހު އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު އެ ދުވަހު ވިދާޅުވި ގޮތަށް ރޭ ހިރިޔާ ސްކޫލްގައި އޭނާގެ ފުޓުބޯޅަ ޕްލޭން އިއުލާންކުރަން ހާއްސަ ހަފުލާއެއް ވަނީ ބާއްވައިފައެވެ. މިއުޒިކީ ހަރަހާތްތަކާއެކު ރޭ ބޭއްވި ހަފުލާއަށް ގިނަ ބަޔަކަށް ދައުވަތު ދިންއިރު، އޭގެ ތެރޭގައި އަލީ އަޝްފާގު (ދަގަނޑޭ) އާއި މުހައްމަދު އުމައިރުގެ އިތުރުން ސޮބާހު މުހައްމަދު (ސޮބާ) ފަދަ ތަރިން ހިމެނެއެވެ.

އަލީ ވަހީދު ކުރިންވެސް ވިދާޅުވިހެން އޭނާގެ ވިސްނުން ގެންގޮސްފައިވަނީ ކްލަބު ފުޓުބޯޅައަށެވެ. އެގޮތުން އޭނާ ހަދަން ނިންމާފައިވާ ކްލަބަށް ކިޔަން ނިންމާފައިވަނީ އެޓޯލްސް ފުޓްބޯޅަ ކްލަބެވެ. އަދި އެ ކްލަބުގެ ލޯގޯވެސް ރޭ ވަނީ ދައްކާލައިފައެވެ. ނޫ ކުލައިގެ އެ ލޯގޯއިން ފެންނަނީ އޭނާގެ ޅަ ދުވަހާއި އާއިލާއާ ގުޅުން ބޮޑު ފުޅަންގެކެވެ. އަލީ ވަހީދު ވިދާޅުވި ގޮތުގައި، ކްލަބުގެ ލޯގޯ ގުޅުވާލާފައިވަނީ ރާއްޖޭގެ ތާރީހާއި ރީތިކަމާއެވެ.

ރޭގެ ހަފުލާގައި އަލީ ވަހީދު ވަނީ އެ ކްލަބުން ކައިރި އަދި ދުރު ރާސްތާއަށް ކަނޑައަޅާފައިވާ ޕްލޭންތައްވެސް އިއުލާންކޮށްފައެވެ. އެގޮތުން އެއް އަހަރު ތެރޭގައި ބައިނަލްއަގުވާމީ ކްލަބު ނެޓްވޯކެއް އުފައްދައި، އެޓޯލްސް ފުޓްބޯޅަ ކްލަބު މެދުވެރިކޮށް، ރާއްޖޭގެ ކުޅުންތެރިންނަށް ބޭރުގެ ފުޓުބޯޅައިން ފައިދާތަކެއް ހޯދައިދޭނެ ކަމަށާއި ތިން އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކްލަބުގެ ވިއުގައެއް ގާއިމުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ސްކައުޓިން ނިޒާމަކަށް އަމާޒުކޮށް އިއުލާންކުރި އެ އަމާޒުގައި ފަސް އަހަރު ތެރޭގައި ރާއްޖޭގެ ޗެމްޕިއަންކަން ހޯދައި، 10 އަހަރުގެ ތެރޭގައި އޭއެފްސީ ކަޕްގެ ޗެމްޕިއަންކަން ހޯދުމަކީ ޕްލޭނެވެ.

"ޓާގެޓަކީ ދަތުރެއް ފަށައިފިއްޔާ ދެމިގެންދާން ޖެހޭނެ އެއްޗެއް. އަޅުގަނޑުމެން ނެތަސް ދެން އަރައި ކޯ ޕައިލެޓަށްވެސް އަރައިގެން ދާންވާ މިސްރާބު އެނގެންވާނެ. އެބަ އޮންނަންޖެހޭ މިސްރާބެއް. އަޅުގަނޑުމެން ކުޑައިރުގައި ކިޔާ 2020ގެ ތަސައްވަރޭ. އެ އޮންނަތަނެއް އެއްވެސް މީހަކަށް ނުފެނޭ. އެ ތަސައްވަރު މިހާރުވެސް އޮންނަ ތަނެއް ފެނިގެން ނުދޭ. އަޅުގަނޑު ދެކޭ ގޮތުގައި ފުޓުބޯޅައިގައި މި ވާހަކަ ދައްކަން ކެރެންޖެހޭ. ބިލީވް ކުރަންޖެހޭ، ޑްރީމް ކުރަންޖެހޭ. އޭއެފްސީ ކަޕްގައި ރާއްޖޭގެ އެންމެ ކާމިޔާބު ޓީމަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު. ނިއުގެ ކުރީގެ މެނޭޖުމަންޓުން އޭއެފްސީ ކަޕް ސެމީ ފައިނަލް ކުޅުނު. އެއީ ނިއުއަށް އެކަނި ލިބުނު ޝަރަފެއް ނޫން. އެއީ މުޅި ރާއްޖެއަށް ލިބުނު ޝަރަފެއް،" އަލީ ވަހީދު ރޭ ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މިހާރު އޮތް އޭއެފްސީ ކަޕް ފޯމެޓް އޮތް ގޮތުން، ސަރަހައްދީ ކްލަބުތަކުގެ މައްޗަށް ގްރޫޕް ސްޓޭޖުގައި ގަދަވެވިއްޖެ ނަމަ، ފައިނަލާ ހަމައަށް ދާން ވަރުގަދަ މެޗެއް ނެގުމަށް ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެކަން އެއީ ނުވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެޓޯލްސް ކްލަބުގެ އިތުރު އަމާޒުތަކަށް ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ 15 އަހަރު ތެރޭގައި ޕްރޮފެޝަނަލް އާ ޖީލެއް ބިނާކޮށް، އާ ގައުމީ ޓީމެއް ބިނާކުރުމަކީވެސް އަމާޒެއް ކަމަށެވެ. އަދި އެޓޯލްސް ފުޓުބޯޅަ ކްލަބާއެކު 5-7 އަހަރާ ދެމެދު ކުދިންނަށް ހާއްސަ އެކަޑެމީއަށް ފަށަން ވިސްނާފައިވާ ކަމަށާއި އެ ބެޗު 15 އަހަރު ވަންދެން ތަމްރީނުކުރަން ގެންގުޅޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެ ޖީލާއެކު 20 އަހަރު ތެރޭގައި ރާއްޖެ ވޯލްޑް ކަޕަށް ކޮލިފައިވާނެ ގޮތަކަށް މަސައްކަތް ކުރުންވެސް އެއީ އަލީ ވަހީދު ރޭ އިއުލާނުކުރި ވައުދެކެވެ.

އަލީ ވަހީދު ވިދާޅުވީ ކުދި އާބާދީތަކުން ވޯލްޑް ކަޕަށް ކޮލިފައިވެފައި އެބަހުރި ކަމަށާއި "ނުވާނެއޭ ކިޔައި، އެކަން ނުކުރާން ތިބިހާ ދުވަހަކު،" އެކަން ނުކުރެވޭނެ ކަމަށެވެ. "މެންޓާލިޓީއަށް ބަދަލު ގެންނަންޖެހޭ" ކަމަށް އަލީ ވަހީދު ވިދާޅުވީ ސްޕޮންސާޝިޕްވެސް ޓީމަށް، ގައުމަށް، ޒުވާން ޖީލަށް ފޯކަސް ކޮށްގެން ނުކުންނަންޖެހޭ ކަމަށެވެ.

ދިވެހި ކުޅުންތެރިންގެ ޑީއެންއޭއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށްވެސް ރޭ އަލީ ވަހީދު ފާހަގަކޮށްފައިވާ އިރު، އޭނާ ވިދާޅުވީ އެ ބަދަލުތަކަށް އެޓޯލްސް ފުޓުބޯޅަ ކްލަބުން އިސްކަންދޭނެ ކަމަށެވެ. ރޭ އިވެންޓަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެހެން ދާއިރާއަކަށް ދެވުނީ އޮޅިގެން ކަމަށް ބުނެވިދާނެ ކަމަށާއި އަސްލު ޕެޝަންއަކީ ފުޓުބޯޅަ ކަމަށެވެ. ސުމަކުން ފެށި ސަބަބާ ގުޅިގެން އޭނާ ވިދާޅުވީ އެޓޯލްސް ފުޓުބޯޅަ ކްލަބު ދަރަނީގައި ނުޖެހޭނެ ކަމަށާއި އެ ކްލަބު ހިންގަން ގަސްދުކުރަނީ އަރަނީގައި ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅައަށް ފައިސާ ނުވަންނަ ކަމަށް ދައްކާ ވާހަކަ ގަބޫލުނުކުރާ ކަމަށާއި ފުޓުބޯޅައާއި ރާއްޖޭގެ އެހެން ކުޅިވަރުތައް އެއްވަރެއްވެސް ނުކުރެވޭނެ ކަމަށެވެ. ސިޔާސަތުތައް ރަނގަޅު ކުރަން ވިސްނަންޖެހޭ ކަމަށާއި މިހާރު މި އުޅެނީ ސަރުކާރާވެސް ނުލައި، އެހެން ބައެއްގެ ފައިސާއަކާވެސް ނުލައި ކްލަބެއް ހިންގަން ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެޓޯލް ފުޓުބޯޅަ ކްލަބުގައި އޭނާ ފަށާނީ، ކޯޗެއްގެ އިތުރުން ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ކަމަށެވެ.