ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯ، ޓީޓީއެމް މޯލްޑިވްސް 2023 ގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
ޓީޓީއެމް މޯލްޑިވްސް 2023 ގެ ދަށުން ދެ ދުވަހު މީރުމާ ކޮންފަރެންސް ފެސިލިޓީގައި ޓީޓީއެމް ކަނެކްޓް މީޓިންތައް ބޭއްވުމަށް ފަހު އެންމެ ފަހު ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ޓީޓީއެމް އެވޯޑްސް އެންޑް ގާލާ ނައިޓް އޮންނާނެއެވެ.
އުރީދޫން މިއަދު ބުނީ މިއަހަރުގެ ޓްރޭޑް ޝޯގައި ރާއްޖޭގެ އިންޑަސްޓްރީގެ އެންމެ ފަހުގެ ހިޔާލުތަކާއި ޓްރެންޑުތައް މަޝްވަރާކޮށް، ދެނެގަތުމަށް ޓީޓީއެމްއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ 100 އަށްވުރެ ގިނަ ރިސޯޓް/ހޮޓާ އަދި ފާހަގަކޮށްލެވޭ 30 ގައުމެއްގެ 250 އަށްވުރެ ގިނަ ބޮޑެތި އޮޕަރޭޓަރުން ބައިވެރިވާނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސްއަކީ މިއަދުގެ ކަސްޓަމަރުންނާއި ވިޔަފާރިވެރިންގެ އިތުރުވަމުންދާ ބޭނުންތަކަށް ފެތޭ ގޮތަށް ވޮއިސް، ޑޭޓާ، ބްރޯޑްބޭންޑް، ކޮންޓެންޓް އަދި އެންޓަޕްރައިޒް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. ދިވެހިންގެ ދިރިއުޅުން މުއްސަނދިކުރުމުގެ ތަސައްވަރާ އެއްގޮތުގެ މަތިން އުރީދޫން މަސައްކަތްކުރަމުންދަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ހިދުމަތްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މުޖުތަމައުތަކަށް އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމަށެވެ.
އެގޮތުން އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ޑިޖިޓަލް ސޮލިއުޝަންތަކުގެ ޒަރިއްޔާއިން ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. ޑިޖިޓަލް ހަބް، ޑިޖިޓަލް އެންޓަޓެއިންމަންޓް، ޑޭޓާ ސެންޓާ އެންޑް މެނޭޖްޑް ސާވިސަސް އާއި ކްލައުޑް ސާވިސަސް ފަދަ ކުންފުނިތަކުގެ މަސައްކަތާއި ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ތައްޔާރުކޮށްފައިވާ ޑިޖިޓަލް ސޮލިއުޝަންތަކެއް އެ ކުންފުނިން ފޯރުކޮށްދެއެވެ. ޑިޖިޓަލް ސޮލިއުޝަންތަކުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ ޑެސްޓިނޭޝަން މާކެޓިން ކެމްޕެއިނެއް ކަމަށްވާ "ވިޒިޓް މޯލްޑިވްސް ނައު" ވެސް އިފްތިތާހުކޮށް، 10 ގައުމެއްގެ 117 މިލިއަނަށް ވުރެ ގިނަ މީހުންނަށް ރާއްޖެ މާކެޓުކޮށް ކޮވިޑަށް ފަހު ފަތުރުވެރިކަން އަލުން ފެށުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިއަހަރުގެ ޓީޓީއެމް އެވޯޑް އަދި ގާލާ ނައިޓުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ޝަރަފުވެރި އާ ކެޓެގަރީތަކެއް އިއުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޓީޓީއެމް 2023 ގައި ބައިވެރިވުމަށް އެގްޒިބިޓަރުންނާއި ޒިޔާރަތްކުރާ ފަރާތްތަކުން 31 ޖުލައި 2023 ގެ ކުރިން އެ އިވެންޓަށް connect.traveltrademaldives.com ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް [email protected] އީމެއިލް ކުރުމަށް ޓީޓީއެމުން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު