ސްޓެލްކޯގެ ޓްރާންސްފޯމަރު ބަހައްޓަން، ވިލިމާލެ އިންޖީނުގެއާ އިންވެގެން އޮތް ބިން ސްޓެލްކޯއަށް ނުދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ޓްރާންސްފޯމަރު ބަހައްޓަން އެ ބިން ބޭނުންވެގެން އެކަމަށް އެދި ސްޓެލްކޯއިން މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމާ ގުޅިގެން، އެކަމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމަން، މިއަދު ބޭއްވި ސިޓީ ކައުންސިލުގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހެޅުއްވީ މާލޭ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
މުއިއްޒު ވިދާޅުވީ، ޓްރާންސްފޯމަރު ބެހެއްޓުމަށް، އިންޖީނުގެއާ ޖެހިގެން އޮތް 30 ފޫޓު 30 ފޫޓުގެ ބިން ލިބޭނެ ގޮތެއް ހަދައިދިނުމަށް އެދި ސްޓެލްކޯއިން ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ ސިޓީ ކައުންސިލް ބައްދަލުވުމަށް އިއްވެވުމަށްފަހު އެއާ ބެހޭގޮތުން ގޮތެއް ނިންމަވައިދެއްވުމަށް މޭޔަރު އެދިވަޑައިގެންނެވިއެވެ.
އެ މައްސަލައިގައި ވާހަކަދައްކަވަމުން ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވީ، މިހާރުވެސް ހުޅުމާލެއިން ފުދޭ ވަރެއްގެ ސަރަހައްދެއް ސްޓެލްކޯއަށް ދީފައިވާ ކަމަށެވެ. އަދި ޓްރާންސްފޯމަރެއް ބަހައްޓަން އިންޖީނުގެއާ ޖެހިގެން އޮތް ބިމެއް ކޮންމެހެން ބޭނުން ނުވާނެ ކަމަށާއި، އެހެން ސަހރަހައްދަކުންވެސް އެކަމަށް ބިމެއް ބޭނުން ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ. އަދި އިންޖީނުގެއާ ޖެހިގެން އޮންނަ ބިން ބޭނުންވެގެން އުޅުމަކީ، އިންޖީނުގެ އިމާރާތް ބޮޑުކުރަން އުޅުން ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތަށް ހަމަ ކޮންމެ ފަރާތަކުން އައިސް ބުނާއިރަށް، މާލޭ ސިޓީ ކައުންސިލުގެ ދަށުގައި ހުންނަ ބިންތަކަކީ ދޫކުރެވޭނެ ބިންތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މާލޭ ސިޓީ ކައުންސިލުގެ ގިނަ ކަންތައްތަކަށް ސަރުކާރުން އެއްބާރުލުން ނުދޭ އިރު، އެފަދަ ބިމެއް ސްޓެލްކޯއަށް ދޭން ނުޖެހޭ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފް ވިދާޅުވީ، ސްޓެލްކޯއިން ބިން ބޭނުންވި ނަމަވެސް އެކަން އެގޮތަށް ނުުރެވޭނެ ކަމަށެވެ. މުނިސިޕަލް ހިދުމަތްތަކަށް މިހާރުވެސް ސިިޓީ ކައުންސިލުން ސަރުކާރަށް ދޫކޮށްފައިވާ ބިންތަކުގައި ބޮޑެތި ލެޑް ޕެނަލްތައް ހަރުކޮށްފައި އެބަހުރި ކަމަށާއި، ކޮމާޝަލް ބޭނުންތަކަށް އެތަންތަން ބޭނުންކޮށް، ވިޔަފާރީގެ އެކި ކަންކަމަށް އެފަދަ ތަންތަން ބޭނުންކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ބިން ބޭނުން ނަމަ، ސްޓެލްކޯއިން ދުރުރާސްތާ ޕްލޭނެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އެގޮތުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ޕްލޭނެއް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ދެން ތިއްބެވި މެންބަރުންވެސް ވަނީ ސްޓެލްކޯއަށް އެ ބިން ދިނުމާ ދެކޮޅު ހަދައިފައެވެ. އެހެންކަމުން ސްޓެލްކޯއަށް އެ ބިން ނުނިދުމަށް ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު