ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ، 'ދަ ޑިމޮކްރެޓްސް' ގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ މިމަހު 28 ވާ ހުކުރު ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.

އެ ޕާޓީން ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް މިއަދުން ފެށިގެން ހުޅުވާލައިފައެވެ.

އެހެންކަމުން ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތައް، އެބޭފުޅެއްގެ ވަނަވަރާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު، އެ ޕާޓީގެ އިދާރާ ކަމަށްވާ ހ. މައިޒާންދޮށުގެ 10 ވަނަ ފަންގިފިލާއަށް، ނުވަތަ އިންތިހާބާބެހޭ ކޮމިޓީގެ އީމެއިލް އަށް، އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން، ލިޔެކިއުންތައް ހުށަހެޅުމަށް އަންގައިފައެވެ.

މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބޭނީ، މިއަދާ ހަމައަށް ޕާޓިގެ މެންބަރަކަށް ވުމަށް އެދި ޕާޓީއަށް ފޯމު ހުށަހަޅާފައިވާ މެންބަރުންނަށް ކަމަށްވެސް ބުނެފައިވެއެވެ.

އަންނަ ހުކުރު ދުވަހު، ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ، އެ ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް ކަމަށްވެސް ބުނެފައިވެއެވެ.

  • 20 ޖުލައި: ޕްރައިމަރީ އިއުލާން ކުރުމާއި ކުރިމަތިލުމަށް ހުޅުވައިލުން
  • 20 ޖުލައި: ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާއްމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވައިލުން
  • 22 ޖުލައި: ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި، ހަވީރު 4:00 އަށް
  • 22 ޖުލައި: ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދު ކުރުން، ހަވީރު 4:00 އަށް
  • 23 ޖުލައި: ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރުން
  • 23 ޖުލައި: ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންގެ ލިސްޓް އާންމު ކުރުން
  • 28 ޖުލައި: ޕްރައިމަރީގެ ވޯޓުލުން، މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް

ދަ ޑިމޮކްރެޓްސް އިން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލާފައި މިވަނީ، ޕީޕީއެމާއި އެމްއާރުއެމްއާ ވާހަކަދައްކައިގެން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، އިދިކޮޅު ހުރިހާ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރެން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެއްބަސްވެވަޑައިގެންފައިވަނިކޮށެވެ.

ނަމަވެސް އިއްޔެ ބޭއްވި ނިއުސްކޮންފަރެންސްގައި އެ ތިންބޭފުޅުން އެކަން އިއުލާންކުރުމާ ގުޅިގެން އިދިކޮޅު މައި ޕާޓީ ޕީޕީއެމުން ބުނެފައިވަނީ، ހުރިހާ ޕާޓީތަކުން ނެރޭ ކެނޑިޑޭޓުގެ ގޮތުގައި ހަމަޖައްސަން ޖެހޭނީ، އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ކަމަށެވެ.

ނަމަވެސް ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި، ތަންފީޒު ކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެ ވަޑައިގެން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް މިހާރު ވަނީ ގެއްލިފައެވެ. އެއީ ހައިކޯޓުގައި އޮތް އެ މައްސަލައިގެ އިސްތިއުނާފު އަދިވެސް ނުނިމޭތީއެވެ.

އެ ހުކުމުން ރައީސް ޔާމީން ސަލާމަތްވާނީވެސް، ހައިކޯޓުން އެ މައްސަލަ ރައީސް ޔާމީންގެ ކޮޅަށް ނިންމައި ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރުމުންނެވެ. ނަމަވެސް ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުން، މައްސަލަ ކުރިއަށް ނުގޮސް މިވަގުތަށް ވަނީ ހުއްޓިފައެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާ އިރު، ގާނޫނުގައިވާގޮތުގެ މަތިން އެކަމަށް ދޭނީ 14 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވާނީ ހަތެއް އޯގަސްޓަށެވެ.