މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކުޅުންތެރިން ރަނގަޅު ބަދަލަކަށް މަސައްކަތްކުރާ ކަމަށާއި ކަންތައްތަކެއް ގުރުބާންކޮށް ކަންކަން ރަނގަޅު ކުރުމަށް ޓީމުގެ ކުޅުންތެރިން ބޭނުންވެފައިވާ މަންޒަރު ފެންނަ ކަމަށް ކޯޗު މިލޮމީރު ސެސްލީޖާ (މިލޯ) ބުނެފިއެވެ.
މާޒިޔާއާ އަލަށް ހަވާލުވި ކޯޗު މިލޯ އާއެކު އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފުތާގައި ވަނީ 6-0 އިން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ. މަދު ދުވަސްކޮޅެއްގައި ތަމްރީނުކުރުމަށްފަހު އެ މެޗަށް ނުކުތް ނަމަވެސް، ކުޅުންތެރިން މެޗަށް ވިސްނި ވިސްނުމަށް ބަދަލު އައިސްފައިވާކަން އިއްޔެ ގައުމީ ދަނޑުގައި ބޭއްވި ޕްރެސްގައި މިލޯ ފާހަގަކުރިއެވެ. އޭނާ އިއްޔެ ބުނީ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ގައުމީ ޓީމާއެކު މަސައްކަތްކުރި ކުޅުންތެރިން ނަމަވެސް، ސާފްގެ ހިތްދަތިކަން މިހާރު ކުޅުންތެރިން ކިބައިން ނުފެންނަ ކަމަށެވެ.
"ގައުމީ ޓީމަށްފަހު އަދި ދެ ހަފުތާ މި ތަމްރީނު ކުރެވުނީ. ގައުމީ ޓީމާއެކު އެންމެ ހިތްހަމަޖެހޭ ނަތީޖާއަކާ އެކުގައެއް ނޫން އެކުޅުންތެރިން އައީ. ނަމަވެސް މިހާރު ތިބީ އެ ވިސްނުމުން އަރައިގަނެ ތަފާތު ހިތްވަރެއްގައި. އަވަހަށް ޕްރެކްޓިސްއަށްވެސް އާދޭ. އަދި އަބަދުވެސް ކުރިއަރަން މަސައްކަތް ކުރާތަން، އެކަމަށް ބޭނުންވެފައިވާތަން ފެނޭ. ފުޓުބޯޅަ ވާންޖެހޭ ކުޅުންތެރިން އުފާކުރާ ކަމަކަށް. އެކަމަށް މާހައުލަކަށްވެސް ވާން ޖެހޭނެ. ކޮންމެ މެޗަކީ މަރުގެ މެޗަކަށްވެފައި އޮންނަ ނަމަ އެއީ ކުޅުންތެރިންނަށް ޕާފޯމް ކުރަން އުނދަގޫވާނެ ކަމެއް،" އުމުރުން 58 އަހަރުގެ މިލޯ އިއްޔެ ބުންޏެވެ.
މާޒިޔާގެ ކޯޗު މިލޯ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ ގިނައިން ދައްކަމުން އަންނަ ވާހަކައަކީ ފުޓުބޯޅައަށް ކުޅުންތެރިންގެ ވިސްނުން ބަދަލުކުރަން ޖެހޭ ކުރުމެވެ. އިއްޔެ އޭނާ ބުނީ ފައިސާގެ މާ ބޮޑު ތަނަވަސްކަމެއް ރާއްޖޭގެ ފުޓުބޯޅައިގައި މިވަގުތު ނެތް ނަމަވެސް، ކުޅުންތެރިން ތިބީ ގުރުބާނީތަކެއް ވާން ތައްޔާރަށް ކަމަށެވެ. ކަންތައްތަކެއް ރަނގަޅުކޮށް، ފެންވަރު މަތިކުރުމަށް ބޭނުންވެފައި ކަމަށެވެ.
"ފުޓުބޯޅަ ރަނގަޅުކުރުމަށް ކުރަން އޮތް ކަމަކީ ހަމައެކަނި ފިޒިކަލީވެސް ބިލްޑް ކުރުމެއް ނޫން. އެއާއެކު ހަމަ އެހެން ކުޅުންތެރިންނަށްވުރެ ބޮޑަށް ދަނޑުމަތީގައި ޕްރެސެންސްވާ ޓީމެއް ބިނާކުރުން. ގޮތް ނިންމުމުގައާއި ކުޅުމަށް ތައްޔާރުވާވުމުގައިވެސް އެބަ ޖެހޭ އިދިކޮޅު ޓީމުތަކަށްވުރެ ރަނގަޅުވާން. އެގްރެސިވް ކުޅުމެއްގެ އިތުރުން ސިކުނޑި ބޭނުންކުރުން މުހިއްމުވާނެ. ފުޓުބޯޅައަކީ ހަމައެކަނި ޓްރެއިން ކުރުމެއް ނޫން. ފުޓުބޯޅައަކީ ވަރަށް ގިނަ ގުރުބާނީއެއް ވެގެން ކުޅެވޭ ކުޅިވަރެއް. ރެސްޓް ކުރުމާއި ނިދުން، މިހެން ގޮސް ގިނަ ކަންތައްތަކަށް ވިސްނަން ޖެހޭ. އެކަމަށް އަހަރެމެންގެ ކުޅުންތެރިން މި ތައްޔާރުވަނީ. އަހަރެންގެ ކުޅުންތެރިންގެ ފަރާތުން ފެނޭ އެ ރަނގަޅު އެޓިޓިއުޑް،" އިންޑޮނޭޝިއާއާއި މެލޭޝިއާ ފަދަ ގައުމުތަކުގައި ކޯޗިން މަސައްކަތްތައް ކުރި މިލޯ ބުންޏެވެ.
މިލޯ ބުނީ ކުޅުންތެރިން އޭނާ ގާތުން ފުޓުބޯޅައިގެ ވާހަކަތައް އަބަދުވެސް އަހަމުން އަންނަ ކަމަށާއި، މައްސަލަތަކަށް ހައްލު ހޯދަން އަމިއްލައަށް އިސްނަގައިގެން ކަންކަން ރަނގަޅު ކުރަން އުޅުމަކީ އޭނާއަށް އެންމެ ފާހަގަކުރެވޭ ކަންތައް ކަމަށެވެ.
ކޯޗު މިލޯ އިތުރަށް ބުނީ މިއަދު ލީގުގައި ދެކޮޅަށް ނުކުންނަ ބުރު ސްޕޯޓްސް ކްލަބު ފެންނަނީ ވަރަށް އޯގަނައިޒް ޓީމެއްގެ ގޮތުގައި ކަމަށާއި، ސީރިއަސްކޮށް މެޗުތަކަށް ތައްޔާރުވާ ޓީމެއްގެ ގޮތުގައި ބުރު ފާހަގަކުރެވިފައިވާ ކަމަށެވެ. ހާއްސަކޮށް ސާފް ބްރޭކްގައި ބުރުން ތަމްރީނުތައް ފުރިހަމަކުރަމުން ގޮސްފައިވުމުން އެޓީމުގެ ޓީމް ވޯކް ރަނގަޅަށް އޮންނާނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ކުރިން އިންޑޮނޭޝިއާގައި ކޯޗިންގެ ކާމިޔާބު މަސައްކަތްތަކެއް ކުރި މިލޯ ބުންޏެވެ.
މާޒިޔާއިން ބުރު ސްޕޯޓްސް ކްލަބު ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު