އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފިއެވެ.
އެކަމާ ގުޅޭ ގޮތުން އެމްޑީއޭގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންނަށް "ވަން" އިން ގުޅުމުން އެކަން ދޮގު ކުރައްވާފައެއް ނުވެއެވެ. އެ ބޭފުޅުން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ކުންފުނިން ބަޔާނެއް ނެރޭނެ ކަމަށެވެ. މޯލްޑިވްސް އިމިގްރޭޝަނުންނާއި ފޮރިން މިނިސްޓްރީއަށް ގުޅުމުން ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ނަމަވެސް "ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިންގަޕޫރުން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ހިލްޓަން މައްސަލައިގައެވެ.
އެ މަައްސަލައަކީ ހިލްޓަން އިންޓަނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑާއި ސަން ޓްރެވަލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އިރުފުށި ބީޗު އެންޑް ސްޕާ ރިސޯޓު ހިންގުމަށް 27 ފެބްރުއަރީ 2009 ދުވަހުވި އެއްބަސްވުން ބާތިލު ކުރި މައްސަލައެވެ. އެކަމާ ގުޅިގެން ހިލްޓަން އިންޓަނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވަލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރިއެވެ.
ސަން ޓްރެވަލްސް އިން އެ އެއްބަސްވުން 30 އޭޕްރިލް 2013 ގައި ބާތިލުކުރުމުން ހިލްޓަން އިން ވަނީ ސަން ޓްރެވަލްސްއާ ދެކޮޅަށް އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސް (އައިސީސީ)ގެ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަންއަށް މައްސަލަ ހުށަހަޅައިފައެވެ. 18 ޖުލައި 2013ގައި އައިސީސީ ކޯޓް އޮފް އާބިޓްރޭޝަންއިން، އާބިޓްރޭޝަން ބައްދަލުވުމުން ބާއްވާނެ ތަނެއް (ސީޓް އޮފް އާބިޓްރޭޝަން) ގެ ގޮތުގައި ސިންގަޕޫރު ކަނޑައަޅާފައިވެއެވެ.
އެ މައްސަލަ ބެލުމަށްފަހު ސިންގަޕޫރު އާބިޓްރޭޝަނުން 27 މެއި 2015ގައި "ޕާޝަލް އެވޯޑް އަދި 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު "ފައިނަލް އެވޯޑް" ނެރެފައިވެއެވެ. އެ ފައިނަލް އެވޯޑުގެ ދަށުން ޓްރެވަލްސް އިން ހިލްޓަންއަށް 20،945،000 ޑޮލަރު ދައްކަން ވަނީ އަމުރުކޮށްފައެވެ. އަދި ޖޫރިމަނާއާއި އިތުރު ހަރަދުތައް ދެއްކުމަށްވެސް އަމުރުކޮށްފައިވެއެވެ.
އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކޮށްދިނުމަށް އެދި ހިލްޓަން އިން ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމީ ހިލްޓަން މައްސަލަ ހުށަހަޅާފައި ވަނީ އެ ކޯޓުގެ ނުބައި ޑިވިޝަނަކަށް ކަމަށެވެ. އެ ހުކުމަށްފަހު ހިލްޓަންއިން ވަނީ އަލުން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެފަހަރު އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން އަމުރުކުރީ އާބިިޓްރަލް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ އެ އެވޯޑާމެދު ހައިކޯޓުން ކުރާ އަމުރަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމް ހިލްޓަންއިން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ "އާބިޓްރޭޝަން ގާނޫނު"ގެ ދަށުން އާބިޓްރަލް ތަންފީޒުކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ސިވިލް ކޯޓަށް ބެލޭނެ ކަމަށެވެ.
އެހެންވެ އާބިޓްރޭޝަންގެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ހިލްޓަންއިން ތިންވަނަ ފަހަރަށް ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްފަހު މިމަހުގެ ފަސްވަނަ ދުވަހު ކުރި ހުކުމުގައި ބުނީ، އައިސީސީގެ ނިންމުމާ ގުޅިގެން "އާބިޓްރޭޝަން ގާނޫނު"ގެ 74 ވަނަ މާއްދާއަށް ރިއާޔަތްކޮށް އާބިޓްރަލް އެވޯޑުތައް ރާއްޖޭގައި ބަލައިގަތުން މަނާވެގެންވާ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި، އެ އެވޯޑުތައް ބަލައިގަނެ, އެ އެވޯޑުތަކާ ގުޅިގެން ބާކީ ދައްކަން ޖެހޭ އެންމެހާ ފައިސާ އަރަމުންދާ ޖޫރިމަނާ އާއި އިތުރު ހަރަދުތަކާއެކު ސަން ޓްރެވަލްސްއިން 14 ދުވަހުގެ ތެރޭގައި ހިލްޓަން ލިބެން ޖެހޭ ފައިސާ ސިވިލް ކޯޓު މެދުވެރިކޮށް ދައްކަން ޖެހޭނެ ކަމަށެވެ.
ދައުވާގެ ދިފާއުގައި ސަން ޓްރެވަލްސްއިން ވަނީ ރާއްޖޭގައި އާބިޓްރޭޓަށް އެވޯޑުތައް ބަލައިގަނެ، ތަންފީޒު ނުކުރެވޭނެ ކަމަށާއި އަދި ހިލްޓަންގެ ފަރާތުން މައްސަލައިގައި ހަދާފައިވާ ހީލަތް ޓްރައިބިއުނަލުން ބަލާފައި ނުވާކަން ފާހަގަކޮށްފައެވެ. އަދި މައްސަލައިގައި ހިމެނޭ އެވޯޑުތަކަކީ ދިވެހި ދައުލަތުގެ އާންމު ސިޔާސަތާ ހިލާފު އެވޯޑުތަކެއް ކަމަށް ބުނެފައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެއިން އެއްވެސް ކަމެއް ބަލައި ނުގަނެވޭނެ ކަމަށެވެ.
މި މައްސަލަ މިހާރު ވަނީ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު