އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"އާ ގުޅުނު ބައެއް މީހުން އަލުން އަނބުރާ އެމްޑީޕީއާ ގުޅެން ބޭނުންވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު، އިދާރީ އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ އެންމެ ކުޑަ އާބާދީއެއް އޮންނަ ރަތްމަންދޫގައި ހުންނަވައި "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި އިބުރޭ ވިދާޅުވީ، ޑިމޮކްރެޓްސްއާ ގުޅުމަށް ހީކުރިވަރާ ގާތަށްވެސް އެމްޑީޕީން މެންބަރުން ވަކިނުވާ ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ ލަފާކުރިން ޕާޓީ (ދަ ޑިމޮކްރެޓްސް) ރަޖިސްޓަރީކުރަން އުޅުނުއިރު 3،000-3،500 އެއްހާ މެންބަރުން ދާނެ ކަމަށް. ނަމަވެސް މިހާރު ފެންނަނީ 1،200 އެއްހާ މެންބަރުން ދާނެ ކަމަށް. އެއީ ވަރަށް ކުޑަ އަދަދެއް. އެސްއެލްޑީޕީ ހަދައިގެން އިބުރާ (އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް) ނުކުތްއިރު އެއަށްވުރެ ގިނަ މީހުން ދިޔަ،" އިބުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރަށްރަށުންވެސް އެމްޑީޕީއަށް އިތުރު މެންބަރުން ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ޑިމޮކްރެޓްސް ބޮޑުވާނެ ކަމަށް ހީކޮށް އެ ޕާޓީއާ ގުޅެން އެމްޑީޕީން ވަކިވި ބައެއް މެންބަރުންވެސް އެމްޑީޕީއާ އަލުން ގުޅުމަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
"މިހާރު ފެންނަނީ އެހެން މަންޒަރެއް. މިހާރު ފެންނަނީ އެ ވަގުތު ޑިމޮކްރެޓްސްއަށް ސޮއިކުރި މެންބަރުން އަޅުގަނޑުމެންނާ ވާހަކަ ދައްކާތަން އަނބުރާ އެމްޑީޕީއާ ގުޅުމަށް. އާއްމު މެންބަރުން އެއީ،" އިބުރޭ ވިދާޅުވިއެވެ.
އިބުރޭ އިތުރަށް ވިދާޅުވީ، ނަޝީދު އެމްޑީޕީން ވަކިވުމަކީވެސް ޗެލެންޖެއް ނޫން ކަމަށާއި ނަޝީދު ވަކިވުމުން އެމްޑީޕީއަށް ވާނެ ގެއްލުމެއްވެސް ނޯންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު