މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ފަތިހު މަޖީދީމަގު ރެޑްވޭވްއާ ހިސާބުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް ގައިގައި ސައިކަލް ޖެއްސި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދު ދެވަނަ ފަހަރަށް ކުރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.
އެކްސިޑެންޓުވި ދުވަހުން ފެށިގެން ހަފީޒަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިމަހުގެ ހަތަރުވަނަ ދުވަހު އޭނާ ވަނީ އިންޑިއާގެ ކޮޗިންއަށް ފުރުވާލައިފައެވެ.
މިދިޔަ ހޯމަ ދުވަހު ހަފީޒުގެ އާއިލާ މީހަކު "ވަން"އަށް ބުނެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު އޭނާ މިހާރު ވެންޓިލޭޓަރުން ނަގައިފައިވާ ކަމަށެވެ. އަދި މިހާރު ފަރުވާ ދެމުންދަނީ އެޗްޑީޔޫގައި ކަމަށާއި އޭނާގެ ހާލު ކުރިއާ އަޅައިބަލާ އިރު، މިހާރު ރަނގަޅު ކަމަށްވެސް ބުނެފައިވެއެވެ.
އެކްސިޑެންޓުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އިނގުރައިދޫ، ލެގޫން ވިއު، ޝަމްއާން އަބްދުއްޝުކޫރު (22އ)އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. ފުލުހުން ޝަމްއާންގެ މައްޗަށް ކުރަނީ އެކްސިޑެންޓުގެ ތުހުމަތެވެ. އޭނާގެ ބަންދާ މެދު ފުރަތަމަ ފަހަރު ގޮތެއް ނިންމުމަށް މިމަހުގެ ހަތަރުވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
އެ މުއްދަތު ހަމަވާތީ ފުލުހުން އޭނާ މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު 15 ދުވަހަށް އޭނާގެ ބަންދު ދަމަހައްޓައިފައެވެ. ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ދަމަހައްޓަން ނިންމީ އޭނާއާ ދެކޮޅަށް ކުރާ ތުހުމަތަށް ފުލުހުން ކޮންމެވެސް ވަރަކަށް ހެކި ހުށަހަޅައިފައިވާތީއެވެ. ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ތަހުގީގު ބަޔާނާއި އެނޫންވެސް ޑޮކިއުމެންޓުތައް ހިމެނެއެވެ.
ފުލުހުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުރަތަމަ ފަހަރު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ދިފާއީ ވަކީލު ވިދާޅުވެފައިވަނީ ހަފީޒަށް އަނިޔާވި ކަމަށް ޝަމްއާން އިންކާރު ނުކުރާ ކަމަށާއި ހަފީޒަށް އަނިޔާވީ ކަފި ހުރަސްމަތިން ހުރަސްކުރަނިކޮށް ނޫން ކަމަށެވެ.
"ތުހުމަތުކުރެވޭ ފަރާތުން ސައިކަލުގައި ދަނިކޮށް، އަނިޔާ ލިބުނު ފަރާތް މަގު ހުރަސްކުރުމުން، ސައިކަލް އަންނަ ތަން ފެނިގެން ޕެނިކްވެގެން ސައިކަލާ ދިމާލަށް ދުއްވައިގަނެވުމުން، ސައިކަލުގައި އަނިޔާ ލިބުނު ފަރާތް ގޮސް ލައިގަނެގެން އެކްސިޑެންޓުވީ،" ވަކީލު ވިދާޅުވެފައިވެއެވެ.
އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވެފައިވަނީ ޝަމްއާން އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށާއި އޭނާ ސައިކަލް ދުއްވާފައިވަނީ ބާރު ސްޕީޑުގައި ކަމަށެވެ. އަދި ބާރު ސްޕީޑުގައި ސައިކަލް ދުއްވިކަމަށް ޝަމްއާން އިއުތިރާފުވެފައިވާ ކަމަށް އޮފިސަރު ވިދާޅުވެފައިވެއެވެ. ކަފާލާތުގެ ދަށުން ދޫކޮށްލައިދިނުމަށް ޝަމްއާންގެ ފަރާތުން އެދިފައިވީ ނަމަވެސް، އިންވެސްޓިގޭޝަން އޮފިސަރު އެދުނީ ޝަމްއާންގެ ބަންދު އިތުރުކޮށް ދިނުމަށެވެ. ޝަމްއާނަކީ ބަންދު ލޮގް އަދި މީގެ ކުރިން އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.
ބަންދުކުރަން ކުރި އަމުރުގައި ބުނެފައިވަނީ ޝަމްއާން ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށްވެފައި، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށެވެ. އަދި ދެ ފަރާތުން ދެއްކި ވާހަކައަށް ބަލާއިރު ޝަމްއޫންގެ މައްޗަށް ކުރާ ތުހުމަތު ވުޖޫދުވުމުގެ ފުރުސަތު އޮތުމުންކަމަށް އެ ފަހަރު ކޯޓުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު