ޚަބަރު

އިހަވަންދޫ ބަނދަރާއެކު ގިނަ މަޝްރޫއުތަކެއް ނިންމައި، ރައީސް އެތަންތަން ހުޅުއްވައިދެއްވައިފި

ހއ. އިހަވަންދޫން މުހައްމަދު ޖަމްޝަތު ވަހީދު (ވަން އޮންލައިން)

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު މި ރަށަށް ވަޑައިގެން މި ރަށުގައި ސަރުކާރުން ކުރިއަށްގެންދިޔަ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އިފްތިތާހުކޮށްދެއްވައިފިއެވެ.

އެގޮތުން އެމަނިކުފާނު ވަނީ މި ރަށުގެ ބަނދަރާއި، ފެނަކަ އޮފީހާއި، ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ އިތުރުން މި ރަށުގެ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވައިފައެވެ.

ރައީސް މި ރަށު ބަނދަރު ހުޅުއްވައިދެއްވީ، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ސަރުކާރުން، މި ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. 59.07 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބަނދަރު ފުޅާކޮށް، 251 މީޓަރުގެ ބޭރުތޮށިލައި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ވަނީ ޖަހައިފައެވެ. އަދި ބޭރުތޮއްޓަށް އެރުމަށްޓަކައި ބުރިޖެއް ހެދުމުގެ އިތުރުން، 121 އަކަމީޓަރުގެ ރޭމްޕެއް ބަނދަރުގައި ވަނީ ހަދައިފައެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ނެރު ބައްތި އާ ބަނދަރު ބައްތި ޖަހައި، ޕޭވްމެންޓްވެސް ވަނީ ހަދައިފައެވެ.

ރައީސް މިއަދު ހުޅުއްވައިދެއްވި މި ރަށުގެ ފެނަކަ އޮފީސް އިމާރާތަކީ، އެއްފަހަރާ 50 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް އޮފީސް އިމާރާތެކެވެ. އަދި އެމަނިކުފާނު މިރޭ ހުޅުއްވައިދެއްވި މި ރަށު ސްކޫލުގެ މަލްޓިޕާޕަސް ހޯލު މަޝްރޫއަކީ 7.75 މިލިއަން ރުފިޔާއަށް، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ގާތްގަނޑަކަށް 418 މީހުންގެ ޖާގައިގެ އެ ހޯލުގައި ދެ ޗޭޖިންގް ރޫމާއި، ގުދަނަކާއި، ހަތަރު ފާހާނާގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ފާހާނާއެއްވެސް ހުރެއެވެ.

ސަރުކާރުން މި ރަށުގައި ތަރައްގީކޮށްފައިވާ ކޮމިއުނިޓީ ސެންޓަރަކީ ކުޅިވަރު ކުޅުމުގެ އިތުރުން، ޖަމިއްޔާތަކަށް މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރުގެ މަސައްކަތް ސަރުކާރުން ކުރީ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.