މި އަހަރުގެ މުދަލު ޒަކާތް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ރޭ ބުނީ އެ ފައިސާ ފަގީރުންގެ ލިސްޓްގައި މިއަހަރު ހިމެނޭ 7،657 މީހުންނަށް، ބޮލަކަށް 3،500 ރުފިޔާގެ ރޭޓުން ޖަމާކޮށްފައިވާ ކަމަށެވެ.

މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ 26,799,500 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީ ވަނީ މިއަހަރުގެ މުދަލުގެ ޒަކާތުގެ ނިސްބަތް 7,062.65 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މުދަލު ޒަކާތަށް އެންމެ ފަހުން ބަދަލެއް ގެނެސްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި އޮތީ 5،777.45 ރުފިޔާއެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އެއީ އިސްލާމްދީނުގެ ތިންވަނަ ރުކުނެވެ.

މުދަލު ޒަކާތުގެ ނިސާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 ޕަސެންޓް މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ