އަންނަ އަހަރު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރާއިރު އެ މަޖިލީހަށް ހަ ގޮޑި އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނާއިބު ރައީސް އިސްލާއިލް ހަބީބު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާގޮތުގެ މަތީން، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ގެނެވޭ ބަދަލު މިއަދު ބޭއްވި ކޮމިޝަނުގެ 794 ވަނަ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ހަ ގޮނޑި އިތުރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

  • މާލޭ ސިޓީ އަށް 2 ގޮނޑި
  • އައްޑޫ ސިޓީ އަށް 1 ގޮނޑި
  • ބ.އަތޮޅު ހިމެނޭ ދާއިރާއަށް 1 ގޮނޑި،
  • މާލެއަތޮޅަށް 1 ގޮނޑި
  • ގއ.އަތޮޅު ހިމެނޭ ދާއިރާއަށް 1 ގޮނޑި

ހަބީބު ވިދާޅުވީ، ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމުލަ އާބާދީގެ އަދަދުތަކުގެ ތަފްސީލު ކޮމިޝަނުން ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގައި ތިބެނީ 87 މެންބަރުންނެވެ. އެހެންކަމުން އަންނަ އަހަރު އިންތިހާބު ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިބޭނެ މެންބަރުންގެ އަދަދު 93 އަށް އަރާނެއެވެ.